ENGLISH
22 މޭ 2026
ރައީސް އޮފީހާއި މުލިއާގެ އަދި ހިލާލީގޭގެ ޚިދުމަތްތެރިޔާ އާދަމް އަލީ ނިޔާވުން: ރައީސްގެ ތަޢުޒިޔާ
22 މޭ 2026
|
ވ. ކަނި، އާދަމް ޢަލީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައިފައިވާ، ވ. ކަނި، އާދަމް ޢަލީ ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަރްޙޫމް އާދަމް އަލީ އަކީ ވަފާތެރިކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އާދަމް ޢަލީ އަކީ ޚިދުމަތް ކުރެއްވި ކޮންމެ ރައީސެއް އަދި ނައިބު ރައީސެއްގެ ލޯބި ވެސް ހޯއްދެވި ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށެވެ.
ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ހާސިލުކުރެއްވި، 44 އަހަރަށްވުރެ ދިގު މުއްދަތުގެ މި ޚިދުމަތްތެރިޔާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް އަދި އެކުގައި ވަޒީފާ އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާ ކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމް އާދަމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ތާއަބަދު ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.
އާދަމް އަލީ ނިޔާވީ އުމުރުން 62 އަހަރުގައި ސްރީލަންކާގަ އެވެ. ޖަނާޒާ އޮތީ ލަންކާގެ ޖާވަތާ ޖުމާ މަސްޖިދުގައި މިއަދު އަސުރު ނަމާދަށް ފަހު އެވެ.