ENGLISH

18 މޭ 2025

Advertisement

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ބީއެމްއެލްގެ އަތޮޅު އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކުރި: ސީއީއޯ ޝަރީފް

15 މޭ 2025

|

ޝަރާ އަބްދުﷲ

ނ. އަތޮޅުގެ ރަށްތަކަށް އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. --ފޮޓޯ: އިޤްތިޞާދީ ވުޒާރާ

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ބީއެމްއެލް އަތޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުން ކަމަށެވެ. އޭޓީއެމްގެ ޚިދުމަތް ކޮންމެ ރަށަކުން ލިބެން ފެށުމާއެކު ދަތުރު ކުރަން ނުޖެހި ޚިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށް ވެސް ވަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތަކުގެ 90 އިންސައްތަ މުއާމާލާތް ކުރަނީ ޑިޖިޓަލްކޮށް. ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕަށް ދުވާލަކު 1,000,000 ފަހަރު ކަސްޓަމަރުން ލޮގްކުރޭ. އިންޓަރނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު އިންސައްތައެއް ހިއްސާކުރި ނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައް ވެސް މިދަނީ އިތުރުވަމުން. މިގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38000 މުއާމަލާތްކުރޭ،" - ބީއެމްއެލްގެ ސީއީއޯ ޝަރީފް

މީގެ ދެ މަހެއްހާ ދުވަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް ކަމަށެވެ. އޭޓީއެމް ޚިދުމަތް ލިބެން ނެތްނަމަ އެއީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރު ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިދިޔަ ރޯދަ މަސްތެރޭ އަޅުގަނޑުމެން ވާނީ ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފަ. ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފައި. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފަ. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް،" - ބީއެމްއެލްގެ ސީއީއޯ ޝަރީފް

ޝަރީފް ވިދާޅުވީ މުޅި ރާއްޖެއިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަން ކަމަށާއި މިގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން  240,000 މުއާމަލާތްކޮށް، ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާއެކު މުޅިރާއްޖޭގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު