ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ޤަތަރުގެ ކޯޗުގެ މަގާމަށް ލޮޕެޓީގު ހަމަޖައްސައިފި

01 މޭ 2025

|

މުޙައްމަދު އަދުހަމް

ޤަތަރުގެ ކޯޗުގެ މަގާމާ ހަވާލުވި ލޮޕެޓީގު. --ފޮޓޯ: ރޮއިޓާސް

ހުސްވެފައިވާ ޤަތަރުގެ ކޯޗުގެ މަގާމަށް ރެއާލް މެޑްރިޑާއި ސްޕެއިނުގެ ކުރީގެ ކޯޗު، ހުލެން ލޮޕެޓީގު ހަމަޖައްސައިފިއެވެ.

އުމުރުން 58 އަހަރުގެ ލޮޕެޓީގު ވަނީ 2027 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ނިޔަލަށް ޤަތަރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޤަތަރުގެ ކޯޗުގެ މަގާމު ހުސްވީ، ކުރީން އެ މަގާމުގައި ހުރި ސްޕެއިނުގެ ލުއިސް ގާސިއާ ވަކިކުރުމުންނެވެ. އޭނާ އެ މަގާމާ ހަވާލުވީ މިދިޔަ ޑިސެންބަރު މަހު އެވެ.

ޤަތަރުން ކޯޗުގެ މަގާމަށް ލޮޕެޓީގު ހަމަޖެއްސުމަށްފަހު، އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އައު ބާބަކަށް ތައްޔާރުވެއްޖެ ކަމަށެވެ. 

ޤަތަރުގެ ކޯޗުގެ މަގާމުން ގާސިއާ ވަކިކުރީ، ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. އެ ޓީމު މިހާރު އޮތީ އޭޝިއާގެ ގްރޫޕް އޭ ގެ ހަތަރުވަނައިގައެވެ. މިއާއެކު، އަންނަ އަހަރުގެ ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ހޯދުމުގެ ފުރުޞަތު ޤަތަރަށް ވަނީ ގެއްލިފައެވެ. އެހެންނަމަވެސް، އެ މުބާރާތުގައި ވާދަކުރުމަށް ޕްލޭއޮފް ޖާގައެއް ހޯދުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

ވިދިވިދިގެން ތިންވަނަ ފަހަރަށް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ޤަތަރުން އަމާޒުހިފާފައިވާއިރު، އެ ޓީމާއެކު ލޮޕެޓީ ނުކުންނަ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ބައްދަލުކުރާނީ އީރާނާ އެވެ.

ލޮޕެޓީގު އެންމެ ފަހުން ކޯޗުކޮށްދިނީ އިންގްލެންޑްގެ ވުލްވްސް އާއި ވެސްޓް ހޭމް ޔުނައިޓެޑަށެވެ. ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން މިދިޔަ ޖަނަވަރީ މަހު ވަކިކުރިފަހުން މިހާތަނަށް ހުރީ އެހެން ޓީމަކާ ހަވާލުނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު