ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

މެޗުގެ ޕްރެޝަރާ ފުރިހަމައަށް ކުރިމަތިލާ ބަޔަކަށް މޮޅުވެވޭނެ: އެންރީކޭ

29 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީގެ ކޯޗު، އެންރީކޭ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނީ، މެޗުން މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކުރާނީ ޕްރެޝަރުގައި ކުޅެ އެކަމާ ފުރިހަމައަށް ކުރިމަތިލައި، ޓީމަކަށް ކަމަށެވެ.

އެންރީކޭ މިހެން ބުނީ، މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް. އެކަމަކު ވެސް މިއީ އަދިވެސް އެއް މަޤްޞަދެއްގައި މިމެޗާ ކުރިމަތިލާ ދެ ޓީމެއްގެ މެދުގައި ކުޅެވޭ ދެ މެޗެއް. މުހިންމު ކަމަކަށް ވާނީ ޕްރެޝަރުގައި ކުޅެ ކޮންޓްރޯލް ކުރުން،" އެންރީކޭ ބުންޏެވެ.

މެޗުގެ ކުރީން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ދެއްކި ވާހަކައިގައިވަނީ، މީގެ ހައެއްކަ މަސް ކުރީން މި ދެ ޓީމު ބައްދަލުކުރި މެޗުގައި ވާދަކުރި ޕީއެސްޖީ އަށް ވުރެ މިހާރު އެ ޓީމު ބޮޑުތަނުން ވަރުގަދަވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.

"އެއީ، މީގެ ހަތެއް ނުވަތަ އަށެއްކަ މަސް ކުރީގެ ވާހަކައެއް. އަހަރެން އެ މެޗު އަލުން ބަލައިފިން. މިއަދު އަހަރެމެންނަކީ މާ ރަނގަޅު ޓީމެއް،" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ، ޕީއެސްޖީ އަށް ލީގު ފިޔަވަހީގެ ބުރު ވެގެންދިޔައީ ވަރަށް އުނދަގޫ މަރުހަލާ އަކަށް ކަމަށެވެ. އެގޮތުން، އޭނާގެ ޓީމުން ގިނަ ފައިނަލްތަކެއް ކުޅެން ޖެހުނުއިރު، ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އޭރު ޕީއެސްޖީ އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް، މިހާރު އޭނާގެ ޓީމު ވަރުގަދަވެފައި އިތުރަށް ފުރިހަމަކަން އައިސްފައިވާ ކަމަށް އެންރީކޭ ވަނީ ބުނެފައެވެ.

އެންރީކޭގެ ވާހަކަ ނިންމާލަމުން ބުނީ، ޕީއެސްޖީ އާއި އާސެނަލް މިހާތަނަށް މި މުބާރާތް ކާމިޔާބުކޮށްފައިނުވިނަމަވެސް އެންމެ މަތީ ލެވެލްގައި ކުޅެ ރަނގަޅު ނަތީޖާއެއް ހޯދުމަށް ދެ ޓީމުން ކުރަމުންދާ މަސައްކަތްތަކަށް ބުރޫ އެރިޔަދީގެން ނުވާނެ ކަމަށެވެ. އެހެންކަމުން، މެޗުގައި އެންމެ ފުރިހަމަ އަށް ސަމާލުވެ ތިބުމަށް އިސްކަންދޭން ވާނެ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު