ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ފެތުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

29 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ

އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ފަށާ 16 ވަނަ ޤައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި ފަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަގިރި ޕިކްނިކް އައިލެންޑްގަ އެވެ. މިއީ ކުޑަގިރީގައި މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި ޝޯވ 5 ކިލޯ މީޓަރާއި، 3 ކިލޯ މީޓަރު ރޭސް ކޯސްގެ އިތުރުން ޝޯވ އެއް ކިލޯ މީޓަރު ރޭސް ކޯސް އަދި ޝޯވ 0.5 ކިލޯ މީޓަރު ރޭސް ކޯސް އިވެންޓު ހިމެނެއެވެ.

މިއިން ކޮންމެ އިވެންޓަކުން އަންހެން / ފިރިހެން ދެ ޖިންސު ހިމެނޭ ގޮތަށް ވަނަތައް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.

މި މުބާރާތުގައި މާސްޓާސް ކެޓަގަރީ އަށް 5 ކިލޯ މީޓަރުގެ ފެތުން ހާއްސަކުރެވިފައިވާއިރު، އެއް ކިލޯ މީޓަރުގެ ފެތުން ހާއްސަކޮށްފައިވަނީ ސްވިމް ޗެލެންޖް އޯޕަން އަށެވެ. 3 ކިލޯ މީޓަރުގެ ފެތުން ހާއްސަކުރެވިފައިވަނީ ޖޫނިއާ ކެޓަގަރީ އަށެވެ. ބައި ކިލޯ މީޓަރުގެ ފެތުން ކުޑަކުދިންނަށް ހާއްސަކޮށް، ކިޑްސް ސްވިމް ޗެލެންޖްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، 0.2 ކިލޯ މީޓަރު ހާއްސަކޮށްފައިވަނީ އީއޭޑީ ސްވިމް ޗެލެންޖަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް ސްވިިމިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު