ENGLISH
28 އޭޕްރީލު 2025
ލީގުގައި ސިޓީ އަށް ބާކީ އޮތް މެޗުތައް 'ހަތަރު ފައިނަލް' ގެ ގޮތުގައި ގާޑިއޯލާ ސިފަކޮށްފި
28 އޭޕްރީލު 2025
|
މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ. --ފޮޓޯ: ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށްޓަކައި، އިނގިރޭސި ޕްރިމިއަރ ލީގުގައި ބާކީ އޮތް މެޗުތަކަކީ 'ހަތަރު ފައިނަލް' ގެ ގޮތުގައި މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ސިފަކޮށްފިއެވެ.
ގާޑިއޯލާ މިހެން ބުނީ، އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރޭގެ މެޗަށްފަހު ދެއްކި ވާހަކައިގައި، ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް، އެކަމާ ގުޅޭ މާގިނަ ވާހަކަތަކެއް ގާޑިއޯލާ ނުދައްކައެވެ. އޭނާގެ ވާހަކަތަކުގައި އެންމެ ބޮޑަށް އަލިއަޅުވާލައިފައިވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމަށް ސިޓީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައި، އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވީ ނަމަވެސް ސިޓީގެ ނާކާމިޔާބީތަކުގެ ސަބަބުން ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ. އެއީ، ލީގުގައި އެ ޓީމަށް ނަތީޖާ ރަނގަޅު ނުކުރެވުމުން ކަމަށް ވެސް ގާޑިއޯލާ ފާހަގަކުރިއެވެ.
ގާޑިއޯލާ ވަނީ، ސިޓީން ލީގުގައި މި ވަގުތު އޮތީ ލިވަޕޫލަށް ވުރެ ހާހެއްހާ ނުވަތަ މިލިއަން ޕޮއިންޓް ފަހަތުގައި ކަމަށް ބުނެ މަޖާޒީ ގޮތަށް ދެ ޓީމުގެ ތަފާތާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ.
އެހެންނަމަވެސް، ސީޒަން ސަލާމަތްކުރުމަށްޓަކައި ލީގުގައި ބާކީ ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅުކޮށް، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އަމާޒުހިފުމަށް ސިޓީގެ ކުޅުންތެރިންނަށް ގާޑިއޯލާ ވަނީ ގޮވާލައިފައެވެ. އެގޮތުން، ލީގުގައި ދެން އެންމެ އަވަހަށް ސިޓީ އަށް އޮތް ވުލްވްސް މެޗަކީ 'ފުރަތަމަ ފައިނަލް' ކަމަށް ވެސް ގާޑިއޯލާ ވަނީ ސިފަކޮށްފައެވެ.
"އެންމެ މުހިއްމީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން. މިހާރު އަހަރެމެން ހަމަޖެހިލަންވީ،" ގާޑިއޯލާ ބުންޏެވެ.
މެޗަށްފަހު ގާޑިއޯލާ ވަނީ، ފޮރެސްޓްގެ ފަރާތުން ފެނުނު ކުޅުމަށް ތަޢުރީފްކޮށް، ސިޓީ އަށް މެޗު ކާމިޔާބުކުރުމުގައި ނަސީބު އެހީވީ ކަމަށް ވެސް ފާހަގަކުރިއެވެ.
މި ސީޒަން ނިންމާލާއިރު، ހަމައެކަނި އެފްއޭ ކަޕްގެ ޓްރޮފީ ލިބުނު ކަމުގައިވިޔަސް އެއީ ކާމީޔާބީއެއްގެ ގޮތުގައި ނުބަލާނެ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.