ENGLISH

28 އޭޕްރީލު 2025

Advertisement

ޙަޤީޤަތުގައިވެސް މިއީ ލިވަޕޫލަށް ޙައްޤު ކާމިޔާބީއެއް: ވެން ޑައިކް

28 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ލިވަޕޫލްގެ ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓްނަމް ހޮޓްސްޕަރ 5-1 އިން ބަލިކޮށް، ލިވަޕޫލުން ލީގު ކަށަވަރުކުރުމާ ގުޅިގެން، މިއީ އެ ޓީމަށް ޙައްޤު ކާމިޔާބީއެއް ކަމަށް ކެޕްޓަން، ވާޖިލް ވެން ޑައިކް ބުނެފިއެވެ.

ވެން ޑައިކް މިހެން ބުނީ، ޓޮޓްނަމް އަތުން ލިވަޕޫލް މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރޭގެ މެޗުން ހޯދި ބޮޑު މޮޅާއެކު ލިވަޕޫލުން ވަނީ ބާކީ ހަތަރު މެޗު އޮއްވާ، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މިފަހަރުގެ ލީގު ތަށްޓާއެކު ލިވަޕޫލުން ވަނީ މިހާތަނަށް އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ޓީމުން ވެސް މިހާރު ވަނީ 20 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ.

"މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް، މިކަމަށް އަބަދުވެސް ޝުކުރުވެރިވާނަން. މިއީ ވަރަށް އަޖައިބުކުރަނިވި ދުވަހެއް،" ވެން ޑައިކް ބުންޏެވެ.

ވެން ޑައިކް ބުނީ، މެޗުގެ ކުރީން އަދި މުޅި ހަފްތާ ތެރޭގައިވެސް ވަރަށް ގިނަ އިހުސާސްތަކެއް ކުރެވުނު ކަމަށާއި، ކުރަން ބޭނުންވިކަން ހާސިލްކުރިގެންދިޔައިރު ލިވަޕޫލަށް ކާމިޔާބީ ހައްގު ކަމަށެވެ.

މީގެ ފަސް އަހަރުކުރީން، ލިވަޕޫލުން 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައެވެ. އެހެންނަމަވެސް، އޭރުގެ ހާލަތު އޮތް ގޮތުން ސަޕޯޓަރުންނަށް ސްޓޭޑިއަމްގައި އެ ކާމިޔާބީގެ އުފާ ފާޅުކުރުމުގެ ފުރުޞަތެއް ނުލިބުނެވެ.

އެހެންނަމަވެސް، މި ފަހަރު ސަޕޯޓަރުން އެންފީލްޑް ފުރާލައި، ކުޅުންތެރިންނަށް އެ ކްލަބުގެ ލަވަ 'ޔޫ ވިލް ނެވަރ ވޯލް އެލޯން' ކިޔައިދިނެވެ.

ވެން ޑައިކް ބުނީ، ލިވަޕޫލުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ދެ ފަހަރު ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމަކީ ވެސް ކާމިޔާބީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު