ENGLISH
28 އޭޕްރީލު 2025
ސަރަހައްދީ މުބާރާތުން ޓީޓީ ޒުވާން ޓީމަށް ފަޚުރުވެރި ކާމިޔާބީއެއް
28 އޭޕްރީލު 2025
|
މުބާރާތުގައި ވާދަކުރީ ރާއްޖޭގެ ޒުވާން ޓީމު. --ފޮޓޯ: ޓީޓީއޭއެމް
ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޗެމްޕިއަންޝިޕުން ރާއްޖޭގެ ޒުވާން ޓީމުތަކުން ފަޚުރުވެރި ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
ނޭޕާލްގެ ކަތުމަންޑޫގައި މި މަހުގެ 24 އިން 27 ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމާއި، 19 އަހަރުން ދަށުގެ ޓީމުން ވަނީ ތިން އިވެންޓަކުން މެޑެލް ހާސިލްކޮށްފައެވެ.
އެގޮތުން، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުޢިއްޒުގެ ޕެއާ ރިހި މެޑެލް ހޯދިއިރު، 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޑޭޓްގެ ބައިން މުޙައްމަދު ޚަލަފް ރާފިޢު އާއި އައިޝަތު އަލްސާ ނާފިޒްގެ ޕެއާ ވަނީ ލޯ މެޑެލް ހޯދާފައެވެ.
މީގެއިތުރުން، 15 އަހަރުން ދަށުގެ ޓީމު އިވެންޓްގައި ވާދަކޮށް، ރާއްޖޭގެ އަންހެން ޓީމު ވަނީ ލޯ މެޑެލް ހާސިލްކޮށްފައެވެ.
އީރާންގެ ކޯޗު، މެހްދީ ޚުޝްވަރަމްގެ އިރުޝާދުގެ ދަށުން، ތަމްރީންތައް ފުރިހަމަކުރުމަށްފަހު ރާއްޖޭގެ ޔޫތު ޓީމުތަކުން މުބާރާތަށް މި މަހުގެ 22 ވަނަ ދުވަހު ފުރިއިރު، މުބާރާތުގެ ކުރީން ޓީޓީ އެސޯސިއޭޝަނުން ކަނޑައެޅި މެޑެލްގެ އަމާޒަށް މިވަނީ ވާސިލްވެފައެވެ.