ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ކާލޯ އެންޗެލޮޓީ، ރެއާލް މެޑްރިޑް ދޫކޮށްލަނީ

28 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ރެއާލް މެޑްރިޑްގެ ކޯޗު، ކާލޯ އެންޗެލޮޓީ-- ފޮޓޯ: ޓޯކް ސްޕޯޓް

ރެއާލް މެޑްރިޑްގެ ކޯޗުކަމުން އިޓަލީގެ ކާލޯ އެންޗަލޮޓީ ވަކިވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުލަބުގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒްއާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް އީއެސްޕީއެން އިން ރިޕޯޓުކޮށްފިއެވެ.

އީއެސްޕީއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެފަރާތުން ބައްދަލުކޮށް، އެއްބަސްވުމާ މެދު ގޮތެއް ނިންމާނެ އެވެ. އަދި މި ބައްދަލުވުމަށް ފަހު އެއްބަސްވުން ނިމުމަކަށް ގެންނާނެ ކަމަށް ބެލެވޭކަމަށް އީއެސްޕީއެންއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ސީޒަންގެ ފަހު މެޗުގައި ރެއާލް މެޑްރިޑް އަދި ރިއާލް ސޮސިޑާޑް ބައްދަލުކުރާ މެޗަށްފަހު އެންޗެލޮޓީ، ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ވެސް އީއެސްޕީއެން އިން ރިޕޯޓުކޮށްފައިވެއެވެ.

އެންޗެލޮޓީ، ރިއާލްގެ ކޯޗުކަމުން ވަކިވާން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފަށާފައިވާއިރު، އިއްޔެ ކުޅުނު ކޮޕާ ޑެލް ރޭ ފައިނަލް މެޗުން ރެއާލް ވަނީ ބާސެލޯނާ އަތުން 3-2 އިން ބަލިވެފައެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު، 5-1 ގެ އެގްރިގެޓް ނަތީޖާ އަކުން އާސަނަލް އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ވެސް ރެއާލް ވަނީ ކަޓައިފައެވެ. ލަ ލީގާގެ ފަސް މެޗު ބާކީ އޮތްއިރު އެޓީމު އޮތީ ތައާވަލުގެ އެއްވަނައިގަ އޮތް ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ތައާވަލުގެ ދެވަނައިގައެވެ.

ދެހާސް ސައްބީސް ވަނަ އަހަރާ ހަމައަށް ރެއާލް އާއި އެންޗެލޮޓީއާ ދެމެދު އެއްބަސްވުން އޮތް ނަމަވެސް މި ސީޒަން ފެށުނީންސުރެ، އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު ޝައްކު އުފެދިފައިވެއެވެ. އީއެސްޕީއެންގެ އިތުރުން ޓްރާންސްފަރ ޚަބަރުތަކާ އެނޫނަސް ފުޓުބޯޅައާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް އެންމެ އިތުބާރާއެކު ގެނެސްދޭ އެއް ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ އެންޗެލޮޓީއާ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުކުރުމާ މެދު މަޝްވަރާތަކެއް ހިނގާ ކަމަށް ރިޕޯޓުކޮށްފައެވެ.

ކާލޯ އެންޗެލޮޓީއަކީ ރެއާލް މެޑްރިޑެގެ ތާރީޚުގައި ވެސް އެންމެ ކާބިޔާބު އެއް ކޯޗެވެ. އޭނާ ވަނީ އެޓީމުގެ ކޯޗުކަމާ ދެ ފަހަރެއްގެ މަތިން ހަވާލުވެ، ޗެމްޕިއަންސް ލީގު ތިން ފަހަރަށް އަދި ލަލީގާ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ސޮސިޑާޑްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެންޗެލޮޓީ، ރެއާލް ދޫކޮށްލުމުން ކްލަބް ވޯލްޑް ކަޕަށް އެ ކްލަބާ ވަގުތީ ގޮތުން ހަވާލުވާނެ ކަމަށް ބެލެވެނީ ކްލަބުގެ ޑިރެކްޓަރ އޮފް ފުޓްބޯލް، ސަންޓިއާގޯ ސޮލާރީ، ނުވަތަ ކްލަބުގެ އެކަޑެމީ (ކަސްޓިއާ) ގެ ކޯޗު ރައުލް ގޮންޒާލޭޒް ނުވަތަ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ ތެރެއިން އެކެއް ކަމަށް އީއެސްޕީއެން އިން ރިޕޯޓުކުރެއެވެ.

މި މުބާރާތަށްފަހު ޓީމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި، އަދި މިދިޔަ ސީޒަންގައި ބަޔަރ ލެވަކޫސަން އާ އެކު ކުޅުނު 53 މެޗުން ބަލިނުވެ، ޔޫރޮޕާ ލީގު ފިޔަވައި އެޓީމު ވާދަކުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކޯޗު، ޒާބީ އަލޮންސޯ އެވެ.

ކިޔުންތެރިންގެ ހިޔާލު