ENGLISH

28 އޭޕްރީލު 2025

Advertisement

ޣައްޒާގައި ޙަމަލާތައް އަލުން ހުއްޓައިލުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައިވާ ކަމަށް ޤަތަރުން ބުނެފި

28 އޭޕްރީލު 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ޙަމާސް ޖަމާޢަތާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް ހުއްޓައިލުމުގެ މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ އިސް ރޯލެއް އަދާކުރާ ޤަތަރުން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

ޣައްޒާގައި ޙަމަލާތައް އަނެއްކާވެސް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޤަތަރާއި ތުރުކީ އިސްވެ މަސައްކަތް ކުރަމުންދާއިރު، އިޒްރޭލުން މިދިޔަ ހަފްތާގެ ތެރޭގައި ހުށަހެޅި ހުށަހެޅުމަށް ޙަމާސްއިން ވަނީ ނޫނެކޭ ބުނެފައެވެ.

ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރަށް ޙަމަލާތައް ހުއްޓައިލަން އިސްރޭލުން އެއްބަސްވާނަމަ، ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީތިބި ރަހީނުން މިނިވަންކުރަން ތައްޔާރަށް ތިބި ކަމުގެ އިޝާރާތެއް އެ ޖަމާޢަތުން ދާދިފަހުން ވަނީ ދީފައެވެ.

ޖަނަވަރީ މަހުގެ ތެރޭގައި ޤާއިމުކުރި، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޙަމާސް އިން ވަނީ ޔަހޫދީންނަށް ނިޞްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 59 އަސީރުން ތިބި ކަމަށް ޔަހޫދީން ބުނެއެވެ.

ނަމަވެސް، ޙަމާސްގެ ހުށަހެޅުމަށް އިޒްރޭލުން އެއްބަސްނުވާނެކަމަށް އެކި މަސްދަރުތަކާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ޖާސޫސީ އިދާރާ އާއި ޙަމާސްގެ އޮފިޝަލުންނާ އެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

"ނަމަވެސް، މި ހަނގުރާމަ ނިމުމަކަށް ގެންނާނީ ކިހިނެއް ކަމާމެދު އޮތް އެންމެ މުހިންމު ސުވާލަށް އަދިވެސް ޖަވާބެއް ނުލިބޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޝެއިޚް މުޙައްމަދު ވިދާޅުވި ގޮތުގައި، ދެ ފަރާތުން ވެސް އެއްވެސް ވަރަކަށް ދޫދޭން ބޭނުންނުވާނަމަ، އެއްބަސްވުމަކާ ހަމައަށް ދެވުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ޣައްޒާއަށް އިޒްރޭލުގެ ޢުދުވާނުތައް އަލުން ފެށި ފަހުން، ބައި މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެކަމަށް އެތައް ހަފުތާއެއް ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު