ENGLISH
28 އޭޕްރީލު 2025
އީރާނުގެ ބަނދަރުގެ ހާދިސާގައި މަރުވި އަދަދު 40 އަށް، ފުރިހަމަ ތަހުޤީގެއް ކުރަން އަންގައިފި
28 އޭޕްރީލު 2025
|
އީރާނުގެ މައި ބަނދަރެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، މިހާތަނަށް 40 މީހުން މަރުވެފައިވާއިރު، އެ ހާދިސާގެ ފުރިހަމަ ތަހުޤީގެއް ކުރުމަށް، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ޚާމަނާއީ އަންގަވައިފިއެވެ.
އީރާނުގެ ވިޔަފާރީގެ ބަނދަރުތަކުގެ ތެރެއިން ބަންދަރު އައްބާސްގައި ހުންނަ މައި އެއް ބަނދަރު ކަމަށްވާ، ޝާހިދު ރަޖައީގައި ހިނގި މި ހާދިސާގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އެ ބާރުގަދަ ގޮވުމުގައި، އެ ބަނދަރާ 50 ކިލޯމީޓަރު ދުރުގައި ހުރި ބައެއް އިމާރާތްތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގެ ކްރައިސިސް މެނޭޖްމަންޓް އިދާރާއިން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ޝާހިދު ރަޖައީގައި ހުރި ކޮންޓެެއިނަރުތަކުގައި ހުރި ކެމިކަލް، ފަރުވާކުޑަކޮށް ރައްކާކޮށްފައި ހުރުމުގެ ސަބަބުންނެވެ.
އެ ބާރުގަދަ ގޮވުމަށްފަހު، އެ ބަނދަރުގައި ރޯވެ އަދިވެސް އަނދަމުންދާއިރު، ޓީވީތައް މެދުވެރިކުރައްވައި، ޚާމަނާއީ ވަނީ މި ހާދިސާ ހިނގުމުގައި އެއްވެސް އިޙުމާލެއްވޭތޯ ބަލަން ފުރިހަމަ ތަހުޤީގެއް ހިންގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވައިފައެވެ.
އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރެވެމުންދާއިރު، ބޯދުންގަނޑު ފެތުރެމުންދާތީ އެ ސަރަޙައްދުގައި ހުރި ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
އެ ކެމިކަލްތަކާއި ތެލަކީ، އީރާނުގައި ބެލިސްޓިކް މިސައިލް އުފެއްދުމަށް ގެނެސްފައިވާ ތަކެތި ރައްކާކޮށްފައި ހުރި ކޮންޓެއިނަރުތަކެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އެ ބާރުގަދަ ގޮވުން ގޮވާފައިވަނީ، އެތަނުގައި ހުރި އެއް ކޮންޓެއިނަރެއްގައި އަލިފާން ރޯވެގެން ކަމަށް ބެލެވޭ ކަމަށް ވެސް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.