ENGLISH
05 ސެޕްޓެމްބަރު 2025
އިޓަލީ މުބާރާތުން ލައިބާ އަށް ދެ ބްރޯންޒް މެޑެލް
27 އޭޕްރީލު 2025
|
އިޓަލީ މުބާރާތުގައި ވާދަކުރުމަށްފަހު ލައިބާ (ވ) ޓްރޮފީއާއެކު. --ފޮޓޯ: ފޭސްބުކް
ޔޫރަޕް ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ "އިންޓަރނޭޝަނަލް ސްޕްރިންގ ޓޯނަމަންޓް އޮފް ބޮލްޒާނޯ 2025" ގައި ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ދެ މެޑެލް ހޯދައިފިއެވެ.
އިޓަލީގެ ބޮލްޒާނޯ ސިޓީގައި މި އޭޕްރީލް މަހުގެ 25 އިން 27 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ލައިބާ ވަނީ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ. މި މުބާރާތުގައި ދުނިޔޭގެ 20 ޤައުމަކުން ގާތްގަނޑަކަށް 330 އަށްވުރެ ގިނަ ކުޅުންތެރިން އެކި ކެޓަގަރީތަކުގައި ވާދަކުރިއެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ނެޒް އޮގޯރެލެޗް އެވެ. މި އިވެންޓްގެ ސެމީ ފައިނަލުގައި ލައިބާގެ ޕެއާ އަށް ނާކާމިޔާބުވީ، ސީދާ ދެ ސެޓުން ސްވިޒަލެންޑްގެ ޖޮނަތަން ވޯލްކެބް އާއި އެލެއާ ޑުކް އަތުން ބަލިވުމުންނެވެ. އެ މެޗުގެ ސެޓުތައް ސްވިޒަލެންޑްގެ ޕެއާ ކާމިޔާބުކުރީ 21-14، 21-13 އިންނެވެ.
ޑަބަލްސް އިވެންޓްގެ ސެމީގައި ލައިބާ އާއި ޖަރުމަނުގެ މޭރީ އުލްމަންގެ ޕެއާ ބަލިވީ ސްވިޒަލެންޑްގެ އެލެއާ ޑުކް އާއި ނީލާ ޖަރްމަންގެ ޕެއާ އަތުންނެވެ. މި މެޗުން ސްވިޒަލެންޑްގެ ޕެއާ މޮޅުވީ 19-21، 21-10، އަދި 21-17 އިންނެވެ.
އިޓަލީ މުބާރާތުގައި ވާދަކުރި ލައިބާ (ވ) ގެ ޑަބަލްސް ޕާޓްނަރު، މޭރީ އުލްމަން އާއެކު. --ފޮޓޯ: ފޭސްބުކް
ސިންގަލްސް އިވެންޓްގައި ލައިބާ އަށް ނާކާމިޔާބުވީ ކުއާޓާ ފައިނަލުންނެވެ. ސްވިޒަލެންޑްގެ އެލެއާ ޑުކް އަތުން ލައިބާ ބަލިވީ 21-14، 21-17 އިންނެވެ.
އުމުރުން 12 އަހަރުގެ ލައިބާ އަކީ ރާއްޖޭގެ 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްގައި ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން އެތުލީޓުގެ މަގާމަށް ވާދަކޮށް، ތިންވަނަ މަގާމު ހާސިލްކޮށްފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ލައިބާގެ އިންޓަރނޭޝަނަލް ބެޑްމިންޓަން ކެރިއަރު ފެށީ ވެސް ބޮލްޒާނޯގައި ބޭއްވި މުބާރާތުންނެވެ. އެ ފަހަރު އޭނާ ވަނީ ދެ އިވެންޓަކުން ލޯ މެޑެލް ހޯދައިފައެވެ. އެއީ، ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓުންނެވެ.
ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. "އަރުތަ" ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.