ENGLISH
09 މޭ 2025
އިނގިރޭސިވިލާތުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިވަޅުތަކަށް ލުއި ދެނީ
25 އޭޕްރީލު 2025
|
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވައިލަން ނިންމާފައިވާކަން އިނގިރޭސިވިލާތުގެ ސަރުކާރުން އިޢުލާނުކޮށްފިއެވެ.
އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް އަސަދުގެ ދިގު ވެރިކަމުގެ ތެރެއިން ފެށުނު ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ.
އަސަދުގެ ދިގު ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން، ސޫރިޔާ އަލުން އާރާސްތުކުރަން އެހީވުމަށްޓަކައި ބައެއް ޤައުމުތަކުން ދަނީ އެ ފިޔަވަޅުތައް ލުއިކުރަން ވިސްނަމުންނެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން ބުނީ، ސޫރިޔާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަކީ، އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި، ސޫރިޔާގެ އިޤުތިޞާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ، އިނގިރޭސިވިލާތުން ހިފަހައްޓާފައިވާ ސޫރިޔާގެ ދިފާޢީ އަދި ދާޚިލީ ވުޒާރާގެ އިތުރުން އެ ޤައުމުގެ ޖާސޫސީ އިދާރާތަކުގެ މުދަލާއި ފައިސާ ދޫކޮށްލުމަށް އެ ޤައުމުން ވަނީ ނިންމައި، އެކަން އިޢުލާނުކޮށްފައެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އިން ޤާއިމު ކޮށްފައިވާ ވަގުތީ ސަރުކާރަކުންނެވެ. އެޗްޓީއެސްއިން އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމަށް ނިމުން ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އެޗްޓީއެސްގެ ސަރުކާރުން ދަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ސޫރިޔާ އަލުން ބިނާކުރުމުގެ ފުރުޞަތު ދިނުމަށް ދުނިޔެއަށް ގޮވާލަމުންނެވެ.
ނަމަވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އިތުރުން ސޫރިޔާގެ ރައްޔިތުންނަށް އެޗްޓީއެސްގެ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަން ފެށުމުގެ ކުރިން، އެ ފިޔަވަޅުތައް އުވައިލަން ހުޅަނގުގެ ގިނަ ޤައުމުތަކުން މިހާތަނަށް އޮތީ ފަހަތު ފަޔަށް ބުރަވެފައެވެ.