ENGLISH

10 މޭ 2025

Advertisement

ޑިޔުޓީ ބޮޑުކުރުމުން ގެއްލުން ވާނީ އެމެރިކާއަށް، ތިން މަސް ތެރޭ ނިންމުން ބަދަލުކުރަންޖެހޭނެ: މަހާތީރު

24 އޭޕްރީލު 2025

|

ހަސަން އާމިރު

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު.

ބޭރުގެ އެކި ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރުމުގެ ގެއްލުން ވާނީ އެމެރިކާއަށް ކަމަށާއި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ނިންމުން ބަދަލުކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖެހިވަޑައިގަންނަވާނެ ކަމަށް، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ލަފާކުރައްވައިފިއެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.

މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް ވެސް 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން އޮތީ ނިންމައިފައެވެ.

ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.

އަދި އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ.

މަހާތީރު އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ ޑިޔުޓީ ބޮޑުކޮށްގެން ފައިދާ ވާނީ، އެ ޤައުމެއްގައި މުދާ އުފައްދާ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް، އެކަމުގެ އެންމެ އެދެވޭ ފައިދާ ވަނީ، އެ ޤައުމަކަށް ބޭނުންވާ މިންވަރަށް މުދަލާއި ތަކެތި އުފެއްދޭނަމަ ކަމަށް މަހާތީރު ވިދާޅުވި އެވެ.

"މިގޮތުން، އެމެރިކާއަކީ މުދަލާއި ތަކެތި މިހާރު އުފައްދާ ޤައުމެއް ނޫން. ސަބަބަކީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، އަގު ހެޔޮވުމުގެ ސަބަބުން އެމެރިކާއިން ބޭނުންކުރަމުން ދިޔައީ ބޭރު ޤައުމުތަކުން މުދާ އެތެރެކޮށްގެން،" އޭނާ ވިދާޅުވިއެވެ.

މަހާތީރު އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ ކުންފުނިތަކުން ވެސް މިހާރު މުދާ އުފައްދަނީ ބޭރު ޤައުމުތަކުގައެވެ.

އިލެކްޓްރޯނިކް ސާމާނުން ޑިޔުޓީ ބޮޑުކުުރުން އިސްތިސްނާކުރަން ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމަށް އިޝާރާތް ކުރައްވައި، މަހާތީރު ވިދާޅުވީ މުދަލުގެ އެހެން ބާވަތްތަކަށް ވެސް އެ ގޮތަށް ޢަމަލުކުރަން އެމެރިކާއަށް މަޖުބޫރުވާނެ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ.

ސަބަބަކީ، ޑިޔުޓީ ބޮޑުކުރުމުން އެމެރިކާގައި ލިބެންހުރި މުދަލުގެ އަގު ބޮޑުވެ، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ތަކެތީގެ އަގު ބޮޑުވުމުން އާންމު ރައްޔިތުންގެ މުސާރަ ބޮޑުކުރަންޖެހުމާ އެކު، އެމެރިކާގައި މުދާ އުފެއްދުމުގެ ޚަރަދު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެމެރިކާއަށް ދޭނީ ތިން މަސް. ފަހަރުގައި އެއަށްވުރެ ގިނަ ދުވަސް ނަގާފާނެ،" ޑިޔުޓީ ބޮޑުކުރުމުގެ ނިންމުން ބަދަލުކުރަންޖެހުމާ ގުޅުވައި މަހާތީރު ވިދާޅުވިއެވެ.

"ފަހަރުގައި އަޅުގަނޑުގެ ލަފާކުރުންތައް ގޯސްވެސް ވެދާނެ. ބަލަން ތިބެމާ."

ކިޔުންތެރިންގެ ހިޔާލު