ENGLISH
26 ނޮވެމްބަރު 2024
ކޮވިޑްގައި ލިބުނު 4.5 ބިލިއަން ރުފިޔާއަށް ވީ ގޮތެއް ނޭނގޭ: މިނިސްޓަރު ސައީދު
14 ނޮވެމްބަރު 2024
|
އިކޮނޮމިކް މިނިސްޓަރ ސައީދު ވާހަކަފުޅު ދައްކަވަނީ
އެންމެ މަޤްބޫލު
ކޮވިޑް-19އާ ގުޅިގެން އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ދިން 8 ބިލިއަން ރުފިޔާގެތެރެއިން 4 ބިލިއަން ރުފިޔާއަށް ވީގޮތް އެނގެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ހަފްތާ52" ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކޮވިޑް-19އާ ގުޅިގެން ބައިނަލްއަގްވާމީ ބޭންކުތަކާ އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނުކަން ރިޕޯޓުތަކުން ދައްކާ ކަމަށެވެ. އަދި އެ ރިޕޯޓުތަކުގައިވާ ގޮތުން ކޮވިޑާ ގުޅިގެން ކުރަންޖެހޭ ޚަރަދުތަކަށް 4.2 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ވެސް އެނގެންއެވެ.
"އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޮވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާއަށް ވީ ގޮތާއި ކޮންބައެއްގެ އެކައުންޓްތަކަކަށްތޯ، އެ ފައިސާ ދިޔައީ ނުބެލޭ ކަމަށް ވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެން ދާތަން މާޒީގައި ފެނިފައި އޮތީ. ދައުލަތުން ވައްކަން ކޮށްފި ކަމަށް ވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބަ އޮތް،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
މި ސަރުކާރުން ޤައުމާ ހަވާލުވިއިރު ޤައުމު އޮތީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެއީ ފައިސާގެ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ގައުމު އޮތް ހާލަތެއް ކަމަށާއި ދެންމެ ދެންމެ ގައުމު ބަނގްރޫޓް ވެދާނެކަމުގެ ރަނގަބީލު ޖަހަމުން ދިޔައިރު އެ ހާލަތުން އަރައިގަތުމަށް ގޮންޖެހުންތަކެއް ހުރި ހާލަތެއް ކަމަށެވެ.
އޭރު ވެރިކަމުގައި އޮތް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރީ އެމްއެމްއޭގެ ބާރު ކަނޑުވާލުމަށްފަހު މާލީ ނިޒާމް އެފުށް މިފުށަށް ޖެހުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމަށްފަހު ފައިސާ ޗާޕުކުރި ކަމަށާ ވެރިކަން ނިންމާލީ ގައުމުގެ އިގްތިސާދީ، މާލީ ބޮޑު އަނދަވަޅަކަށް ވައްޓާލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ނާޒުކު ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައު މިނިސްޓަރު ސައީދު ވަނީ ރައީސަށް ތައުރީފު ކުރައްވާފައެވެ.