ENGLISH
01 މޭ 2026
ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ބޭރު ފަރާތްތަކާ ސަރުކާރުންދަނީ ހިއްސާކުރަމުން
01 މޭ 2026
ދިވެހި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު)
އެންމެ މަޤްބޫލު
ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ ގުޅޭ ސައްހަ ތެދު މައުލޫމާތު ސަރުކާރުން ބޭރު ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ ހިއްސާކުރަމުންދާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއެއްގެ ބުރާސްފަތިދުވަހު ކުރިއަށްގެންދަވަން މުންދު ނިންމަވާފައިވާ ތަރުޖަމާނުގެ ޕްރެސްގެ ފުރަތަމަ ބައްދަލުވުމުގައި ފާއިތުވި ބުރާސްފަަތި ދުވަހު ނޫސްވެރިޔަކުވަނީ އަދަދު ނޫހުން އާއްމުކުރި ވީޑިޔޯއެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް ޤަޛުފުކުރި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ އެކަމާމެދު ސުވާލުކޮށްފައެވެ.
އެ ސުވާލަށް ދެއްވި ޖަަވާބުގައި މުންދު ވިދާޅުވީ، އެފަދަ ހާލަތްތަކުގައި ސަފީރުންނަށް ޖަވާބުދީ މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އިނގިރޭސި ސަފީރަށް އެކަމާ ގުޅިގެން ސަރުކާރުން ޖަވާބުދީފައިވާ ކަމަށެވެ. ސަފީރަށް މައުލޫމާތު އެރުވީ ހާރިޖީވުޒާރާއިން ސީދާ އޭނާއާ ބައްދަލުކޮށްގެން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ އިތުރަށް ސީޕީޖޭފަދަ ނޫސްވެރިކަމާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން މި މައްސަލައާ ގުޅިގެން ފާޅުކުރާ ކަންބޮޑުވުންތަކާއި އުފައްދަމުންދާ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވަމުންދާ ކަމަށެވެ. ސީޕީޖޭއިން އެ މައްސަލާގައި ފޮނުވި ސިޓީ ލިބިވަޑައިގެންފައިވާކަމަށާއި، އެ ލިޔުމުގައި ހުރި ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.
އިތުރަށް ތަރުޖަމާނު ވިދާޅުވީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރުން އަމަލުކުރާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި އުރުފުތަކާއި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. ވަރަށް ގިނަ ކަންކަަމުގައި ރާއްޖެއާއި ބޭރުގެ ގައުމުތަކާ އެއްގޮތް ކަންކަން ހުރި ނަމަވެސް ތަފާތު ކަންކަންވެސް ހުންނާނެކަން މުންދު ފާހަގކުރެއްވިއެވެ.
"ސަރުކާރެއް ދިވެހިރާއްޖޭގައި މިއޮތީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ނުގެންދެވޭނެ. އެބޭފުޅުންގެ ގާނޫނުއަސާސީތަކާއި ގާނޫނުތަކާއި ނޯމްތަކާ ވަރަށް ގިނަ ކަންތައްތަކެއް ރާއްޖޭގަައި މިއޮތް ޑިމޮކްރަސީގައި އެއްގޮތްވާނެ. ހުރިހާ ކަމެއްގައި އެއްގޮތްނުވާނެ.،" މުންދު ވިދާޅުވިއެވެ.
އަދަދު މައްސަލައިގެ ތަހުގީގު ފެށީ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުން އަންގަވައިގެން ނޫންކަމާއި، އެ މައްސަލައާ ގުޅިގެން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ޤަޛުފުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެންކަމާއި، އަދި އެނޫހުން އުފެއްދި ކޮންޓެންޓުގެ މައްސަލަ މީޑިޔާ ކޮމިޝަނުން ބަލަމުންދަނީ އަމިއްލަ އިސްނެގުމަށްކަން މުންދު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
މުންދު އިތުރަށް ވިދާޅުވީ ބޭރު ފަރާތްތަކުން މި މައްސަލައާ ގުޅިގެން ފާޅުކުރައްވާ ކަންބޮޑުވުންތަކާ ގުޅިގެން ސައްހަ މައުލޫމާތު އަރުވާފައިވާ ކަމަށެވެ. އެގޮތުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރުމަށްފަހު ބައެއް ތަކެތި އެތަނުން ގެންދިޔައީ ކޯޓު އަމުރުގައި އެތަކެތި ގެންދިއުމުގެ ބާރު އޮވެގެން ތަހުގީގަށް ބޭނުންވާ މިންވަރަށް ކަމަށް ތަރުޖަަމާނު ވިދާޅުވިއެވެ. އަދި އަދަދު ނޫހުގެ ބައެއް ވެރިންގެ ޕާސްޕޯޓު ހިފަހެއްޓީ ޖިނާއީ ތަހުގީގު ކުރިއަށްދާ މުއްދަތަށްކަން ބޭރު ފަރާތްތަކަށް ސާފުކޮށްދެއްވިކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ސީދާ އަންނަ ލިޔެކިޔުން، މިސާލަކަށް ސީޕީޖޭ، ރިޕޯޓާސް ވިތައުޓް ބޯޑާސް، ތިޔަ ބޭފުޅުން އަދި އެހެން ބޭފުޅުން ސިޓީ ލިޔުއްވީމާ ޓުވީޓުކުރެއްވީމާ އަޑުއައްސަވާނެ، އެއީ އެ ބޭފުޅުންގެ ޒިންމާ. އެބޭފުޅުން ޖަވާބަކަށް އެދޭނެވެސްމެ މިއޮފީހުގައި. އެއީ އަޅުގަނޑަށްވެސް އައު ކަމެއް ނޫން. އެއަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަފާތެރިކަމާއެކު ޖަވާބުދާރީވާނަން. މިއީ އިންޓަނޭޝަނަލް ވޮޗްޑޯގްސްއަށް ޖަވާބުދާރީވާނެ ސަރުކާރެއް،" މުންދު ވިދާޅުވިއެވެ.
އެގޮތުން މިފަދަ ޖަމްއިއްޔާ ޖަމާއަތްތަކަށް އެކި މީހުން ފޮނުވާ މައުލޫމާތަކީ ހަގީގަތެއް ނޫންކަން ނުވަތަ ހަގީގަތުން އެއްބައިކަން ސާފުކޮށްދީ، ކަމާ ގުޅޭ އިދާރާތަކުން މައުލޫމަތު އޮޅުންފިލުއްވުމަށްފަހު ކަން އޮތް ގޮތް އެ ފަރާތްތަކަށް ސާފުކޮށް ވިދާޅުވެދެއްވަމުންގެންދަވާނެ ކަމުގައި މުންދު ވިދާޅުވިއެވެ.