ENGLISH

01 މޭ 2026

Advertisement

ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުޅުވާލައިފި

01 މޭ 2026

|

އައިމިނަތު ޝަފާ

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕާއި ހަޔަރ އެޗީވަރ ސްކޮލަރޝިޕަށް ހުޅުވާލައިފި އެވެ.

ރައީސްގެ ސްކޮލަރޝިޕްގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ސްކޫލްތަކާއި މަދަރުސާތަކުގައި ދަރިވަރަށް ކިޔަވައިދެވިފައިވާ އޭލެވެލްގެ ނުވަތަ އޭލެވެލްއާ އެއްފެންވަރުގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ "ދިވެހި" "އިސްލާމް " މި ދެ މާއްދާއިން "އޭ ސްޓަރ" ހާސިލުކުރުމެވެ. ނޫނީ ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން ޝަހާދާ ޘާނަވިއްޔާ ސަނަދުން ހުރިހާ މާއްދާއެއްގެ ފައިނަލް އެވްރެޖުގައި "އޭ ސްޓަރ" ފާހެއް ލިބިފައިވުމުގެ އިތުރުން އެޗްއެސްސީގެ "ދިވެހި" މި މާއްދާއިން "އޭ" ފާސް ހާސިލުކުރުން ނުވަތަ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ޘާނަވިއްޔާއިން އެއް ވަނަ ހާސިލުކުރުމެވެ. އަދި އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ އިމްތިޙާނަކުން "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމެވެ.

ހައިއެޗީވާސް ސްކޮލަރޝިޕް ލިބޭ ޝަރުޠުތަކަށް ބަދަލުތަކެއް މި އަހަރު ވަނީ ގެނެސްފައެވެ. އެ ބަދަލުތައް މިދިޔަ އަހަރު ނިންމި ދަރިވަރުންނަށް ނުހިނގާނެ  އެވެ.

ހައި އެޗީޗާސް ސްކޮލަރޝިޕްގެ އުޞޫލުގައި ބުނެފައިވާ ގޮތުން ހައި އެޗީވާސް ސްކޮލަރޝިޕް ލިބެނީ، ފަސް މާއްދާގެ ތެރެއިން ދަރިވަރު ބައިވެރިވި އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި އެސްއެސްސީގެ ދިވެހި އިސްލާމް މާއްދާ ހިމެނޭހެން އެއް މާއްދާއިން އޭ ސްޓަރ އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ އެއް ލިބުމުންނެވެ. ނުވަތަ ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމުގައި ކިޔަވަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި އަދި އެޗްއެސް.ސީގެ ދިވެހި އިސްލާމުގެ ތެރެއިން އެއް މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ދެން ހުރި މާއްދާތަކުން، ދަށްވެގެން "އޭ " ގުރޭޑް ލިބުމުންނެވެ. އަދި އިނގިރޭސި މާއްދާއިން އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން ދަށްވެގެން ސީ ފާހެއް ވެސް އޮންނަން ޖެހެއެވެ.

ހައި އެޗީވާސް ސްކޮލަރޝިޕް ދެނީ ފުލްޓައިމްކޮށް ކިޔަވަން ތިނެއް ނޫނީ ހަތަރު އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. އަދި ހަ އަހަރުގެ މެޑިސިން އަދި ޑެންޓިސްޓްރީގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. އަދި 3ތިނެއް ނޫނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމަތަކަށެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ސްކޮލަރޝިޕް އުސޫލުގައިވާ ގޮތުން އެޕްލިކޭޝަން ހުށައަޅަން އިޢުލާންކުރާ ދުވަހުން ފެށިގެން 18 މަސްދުވަހުގެތެރޭގައި ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ދެ ސްކޮލަރޝިޕް ލިބުނު ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު