ENGLISH

09 މޭ 2025

Advertisement

ކަޝްމީރުގައި ބަޑިން ޙަމަލާދީ 26 ޓޫރިސްޓަކު މަރާލައިފި

23 އޭޕްރީލު 2025

|

ހަސަން އާމިރު

އިންޑިޔާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަޙައްދުގައި ހަތިޔާރު އެޅި ބަޔަކު އެތަނުގައި ތިބި ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކުގައި މިހާތަނަށް 26 މަރުވެފައިވާކަމަށް އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މިއީ އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރު ސަރަޙައްދުގައި 2000 ވަނަ އަހަރުގެ ފަހުން ދިން އެންމެ ނުރައްކާތެރި ޙަމަލާގެ ގޮތުގައި އިންޑިޔާ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ޙަމަލާދިން ވަގުތު ސައުދީ އަރަބިއްޔާގައި ރަސްމީ ދަތުރުފުޅެއްގައި ހުންނެވި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދަތުރުފުޅު ކުރުކޮށްލައްވައި އެނބުރި ވަޑައިގެންފައެވެ.

އަދި މި ރަހުމްކުޑަ ޙަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދައި، ހައްޤު އަދަބު ދޭނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

އެ ޙަމަލާ ދިން މީހުން ހޯދަން އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފައެވެ.

މި ޙަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި ނަގާފައިނުވި ނަމަވެސް، މުސްލިމުންގެ އާބާދީ ބޮޑު އެ ސަރަޙައްދުގައި ހަތިޔާރު އެޅި ގުރޫޕުތަކުން ދަނީ މިނިވަންކަން ހޯދުމަށް އިންޑިޔާގެ އަސްކަރިއްޔާއަށް ދެކޮޅަށް ޙަމަލާތައް އަމާޒުކުރަމުންނެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ މައި ސިޓީ ކަމަށްވާ ސްރީނަގަރާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޕަހަލްގަމްގައި އުޅުނު ޓޫރިސްޓުންގެ ބަޔަކަށެވެ.

އެ ޙަމަލާގައި މިހާތަނަށް ނިސްބަތްވަނީ އިންޑިޔާގެ އެކި ހިސާބުތަކުން އައިސްތިބި އިންޑިޔާގެ ރައްޔިތުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު