ENGLISH
22 އޭޕްރީލު 2025
ޓްރަމްޕްގެ ސަރުކާރުން މާލީ އެހީ ކަނޑައިލުމާ ދެކޮޅަށް ހާވާޑް ޔުނިވަރިސިޓީން ކޯޓަށް
22 އޭޕްރީލު 2025
|
ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުން ހުއްޓުވަންކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެންގި އެންގުންތަކަށް ދެކޮޅު ހެދުމުން، އެ ޤައުމުގެ ހާވާޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ ބަޖެޓު ހިފެހެއްޓުމާ ދެކޮޅަށް އެ ޔުނިވަރސިޓީން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހާވާޑް ޔުނިވަރސިޓީ އަކީ މުޅި ދުނިޔޭގައި ވެސް ހިންގާ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީއެވެ.
އެމެރިކާގެ ފެޑެރަލް ސަރުކާރުން ދޭ ފަންޑު ހިފެހެއްޓީ ޔުނިވަސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން އެންގި އެންގުންތަކަށް ޢަމަލުކުރަން ދެކޮޅު ހެދުމުންނެވެ.
ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުޞަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން "ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން" ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުޞޫލުތައް ގެންގުޅުން ހިމެނެއެވެ.
މިގޮތުން، ހާވާޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓުގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ވެސް ވަނީ ހިފަހައްޓައިފައެވެ.
އެކަމާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅީ، އެމެރިކާގެ ޤާނޫނުއަސާސީން ލިއްބައިދީފައިވާ ހައްޤުތައް ގެއްލޭގޮތަށް، އަދި ތަޢުލީމާ ގުޅޭގޮތުން ނިންމުންތައް ނިންމުމުގައި ޔުނިވަރސިޓީއަށް ލިބިފައިވާ އިޚްތިޔާރުތަކަށް ފެޑެރަލް ސަރުކާރުން ނުފޫޒު ފޯރުވަން އުޅޭތީ ކަމަށް ބުނެއެވެ.
އެދިވަޑައިގަތް ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ،.
ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރި ކަމުގެ ނަމުގައި، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދިން އިންޒާރުތަކަށް ފަހު ކޮލަމްބިޔާ ޔުނިވަރސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑާލައިފައެވެ.