ENGLISH

22 އޭޕްރީލު 2025

Advertisement

ޓޫރިޒަމް އާ ރިކޯޑަކާ ދިމާލަށް: މި މަހަކީ ޖެހިޖެހިގެން ދެ ލަައްކަ ޓޫރިސްޓުން ޒިޔާރަތްކުރާނެ ފަސްވަނަ މަސް!

22 އޭޕްރީލު 2025

|

އަހުމަދު ސައީދު

ރާއްޖެއަށް ޒިޔަރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށްޓަކައި ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ލޯންޗަށް އަރަނީ-- ފޮޓޯ/ އެމްއެމްޓީވީ

މިދިޔަ އަހަރުގެ ޑިސެމްްބަރު މަހާއި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވެސް މަހަކު ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި މަހު ވެސް ދެ ލައްކަ ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް 138،915 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ 21 ދުވަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދާ އަޅާބަލާއިރު، 22 އިންސައްތަ އިތުރު މިންވަރެކެވެ. މި މަހު ދުވަހާލަކު 6،900 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަމުން ދެއެވެ. އެހެންކަމުން މަސް ނިމޭއިރު، 62،000 ޓޫރިސްޓުން އިތުރުވެ، ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައުމަކީ ގާތްކަމެކެވެ.

މިދިޔަ ހަތަރު މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު: 

  • ޑިސެމްބަރު 208,980 ޓޫރިސްޓުން
  • ޖެނުއަރީ 214,863 ޓޫރިސްޓުން 
  • ފެބްރުއަރީ 214,091 ޓޫރިސްޓުން
  • މާޗް 203,464 ޓޫރިސްޓުން

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރެގައި ރާއްޖެއަށް ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ދެ މަހަކު އެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި ޑިސެމްބަރު މަހު އެވެ. މިދިޔަ  އަހަރުގެ ފެބްރުއަރީ މަހަކީ އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ. އެއީ 217,392 ޓޫރިސްޓުންނެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 771,333 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ޒިރާތްކުރާ ޓޫރިސްޓުންގެ އަދަދު މަތީ މިންވަރެއްގައި ހިފެހެއްޓިފައިވާކަން ފިނޭންސް މިނިސްޓްރީން ވެސް މިއަދު ވަނީ ފާހަގަ ކުރައްވާފައެވެ. އެ މިނިސްޓްރީން ފާހަގަ ކުރައްވާފައިވާ ގޮތުގައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުން ދައުލަތުގެ އާމްދަނީ ވެސް ބޮޑުތަކުން ވަނީ ކުރިއަރާފައެވެ. 

މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމާއެކު، ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތައްކަމުގައިވާ، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ)، ގްރީން ޓެކްސް، ޑިޕަރޗަރ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޓީ.އެފް) ގެ ގޮތުގައި މިއަހަރުގެ ފެބުރުވަރީ މަހާއި މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ. އެގޮތުން، ނިމުނު އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އާމްދަނީތަކުގެ ޖުމުލަ މިވަނީ 12.4 އިންސައްތަ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު