ENGLISH
22 އޭޕްރީލު 2025
އޭޝިޔާގެ ސައިބާ ކްރައިމް ނެޓްވޯކުތައް "ކެންސަރެއް"ހެން ދުނިޔެއަށް ފުޅާކުރަމުންދާ ކަމުގެ އިންޒާރު
22 އޭޕްރީލު 2025
|
ދެކުނާއި އިރުދެކުނު އޭޝިޔާގައި ހަރަކާތްތެރިވާ ސައިބާ ކްރައިމް ނެޓްވޯތަކުން ދިން ގެއްލުމުގެ އަގު 37 ބިލިއަން ޑޮލަރަށް އަރާކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެ ނެޓްވޯކުތައް މިހާރު މުޅި ދުނިޔެއަށް ފުޅާކުރަން ފަށާފައިވާކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފިއެވެ.
ޔޫއެންއޯޑީސީން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މައިގަނޑު ގޮތެއްގައި ޗައިނާ އާއި އިރުދެކުނު އޭޝިޔާގައި ހަރަކާތްތެރިވާ ސައިބާ ކްރައިމް ގޭންގުތަކުން، އިންވެސްޓުމަންޓާއި ކްރިޕްޓޯކަރަންސީގެ ނަމުގައި ހިންގާ އެކިއެކި ސްކޭމްތަކުން އަހަރަކު އެތައް ބިލިއަން ޑޮލަރެއް ދަނީ ހޯދަމުންނެވެ.
މި ގޭންގުތައް އޮޕަރޭޓްކުރަމުންދަނީ މިޔަންމާ ފަދަ ޤައުމުތަކުގެ ބޯޑަރު ސަރަޙައްދުގައި، އިންސާނީ ވަގުފާރި ހިންގައިގެން ގެނެސް ތިބޭ ފަގީރު މަސައްކަތްތެރިން ލައްވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިގޮތުން، އެފަދަ ސްކޭމްތަކުން 2023 ވަނަ އަހަރު 37 ބިލިއަން ޑޮލަރުގެ ގެއްލުން ދީފައިވާ ކަމަށާއި، އެ އަދަދު އެއަށްވުރެ ވެސް މަތިވާނެކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ، އެ ނެޓްވޯކުތައް މިހާރު ދެކުނު އެމެރިކާ، އެފްރިކާ، މެދުއިރުމަތި، ޔޫރަޕު އަދި ޕެސިފިކްގެ ޖަޒީރާ ޤައުމުތަކަށް ފުޅާކުރަމުންދާ ކަމަށެވެ.
އަދި ސްކޭމްތައް ހިންގައިގެން ހޯދާ ފައިސާ، ޑްރަގް ކާޓެލްތައް ސީރިއަށް ކުށްތައް ކުރާ ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަނީ ލޯންޑަރ ކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޔޫއެންއޯޑީސީގެ ދެކުނު އަދި އިރުދެކުނު އޭޝިޔާގެ މަންދޫބު ބެނެޑިކްޓް ހޮފްމަން ވިދާޅުވި ގޮތުގައި، މި ނެޓްވޯކުތައް މުޅި ދުނިޔެއަށް ފެތުރެމުންދަނީ "ކެންސަރު" ބަލި ފެތުރޭ އުޞޫލުންނެވެ.
"އެއް ތަނުން ހުއްޓުވާއިރަށް، މީގެ މޫތައް އެހެން ސަރަޙައްދުތަކަށް އެބަ ހިޖުރަކުރޭ،" ހޮފްމަން ވިދާޅުވިއެވެ.
އެއާ އެކު، އދ.ގެ އެ ޖަމްޢިއްޔާއިން ވަނީ، އެ ނެޓްވޯކުތައް ހުއްޓުވުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.