ENGLISH
26 ނޮވެމްބަރު 2024
އުމުރުން 15 އަހަރު ނުވާ ކުދިންގެ ފޯނުތައް ފުލުހުންނަށް ނުބެލޭނެ: ހައި ކޯޓު
14 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުދިންގެ މޮބައިލް ފޯނު ފަދަ ތަކެތި ކޯޓު އަމުރުގެ ދަށުން ފުލުހުންނަށް ނުބެލޭ ގޮތަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާގޮތުން 15 އަހަރުން ދަށުގެ ކުދިންނަކީ ޖިނާއީ ކުށްތަކުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް ނޫނެވެ. ނަމަވެސް ފުލުހުން ޖުވެނައިލް ކޯޓުގައި އެދުނީ 14 އަހަރުގެ ކުއްޖަކަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން އެ ކުއްޖާގެ ފޯނު ހިފެހެއްޓުމަށާއި ފޯނު ހުޅުވުމުގެ އަމުރެއް ނެރެދިނުމަށެވެ.
އެ މައްސަލާގައި މިދިޔަ މަހު އެ ކުއްޖާގެ މައްޗަށް އެފަދަ އަމުރެއް ނުނެރެވޭނެކަމަށް ޖުވެނައިލް ކޯޓުން ވަނީ ނިންމާފައެވެ. އެއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުގެ ކުއްޖަކަށް ނުވާތީއެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފްކުރީ ޖިނާއީ ދައުވާ ނުކުރެވުނަސް، އެފަދަ އަމުރެއް ނެރެވޭނެ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކުދިންނާ މެދު އެފަދަ ފިޔަވަޅެއް އެޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މީހުންގެ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެ ހައްގު ހިފެހެއްޓޭ ގޮތަށް ކޯޓަކަށް އަމުރު ނެރެވޭނީ ގާނޫނަކުން ހުއްދަ ލިބިގެން އަދި ގާނޫނު ހުއްދަކުރާ މިންވަރަކަށް އެކަނި ކަމަށް އެ ހުކުމުގައިވެއެވެ.
"ކިތަންމެ މާތް މަގްސަދެއްގައި ކަމުގައި ވިޔަސް، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެއްވެސް ފިޔަވަޅެއް އެޅޭނީ ގާނޫނު ދައްކާ މަގެއްގެ މަތީގައި، ގާނޫނީ އިންތަކުގެ ތެރެއިންނެވެ. އެ ނޫން ގޮތެއް ކޯޓަށް ވެސް ހޯދައި ނުދެވޭނެ އެވެ." ހައި ކޯޓުގެ ހުކުމުގައިވެއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން 15 އަހަރުނުވާ ކުއްޖަކާ ދެކޮޅަށް ކޯޓުން އެފަދަ އަމުރެއް ނެރުނަސް، އެ އަމުރަށް ކުއްޖާ ތަބާނުވެއްޖެ ނަމަ ގާނޫނީ ގޮތުން އިތުރަށް ކުރެވޭނެ ކަމެއް ވެސް ނޯންނާނެއެވެ. އެއީ އެފަދަ ކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށް ގާނޫނުގައި އޮތުމުން، އަމުރަށް ތަބާނުވެގެން އެޅޭނެ ފިޔަވަޅެއް ވެސް ނޯންނާނެތީ ކަމަށް ހުކުމުގައިވެއެވެ. ހުކުމުގައި ވަނީ އެފަދަ ކުދިންނާ މެދު ކުރެވޭނެ ކަމަކީ ރިހެބިލިޓޭޓްކުރަން މަސައްކަތް ކުރުން ކަމަށެވެ.