ENGLISH
21 އޭޕްރީލު 2025
އެމެރިކާއާ އެކު ހަދާ ވިޔަފާރީގެ އެއްބަސްވުމަކުން ޗައިނާއަށް ގެއްލުންވާނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
21 އޭޕްރީލު 2025
|
އެމެރިކާ ރުއްސަން، ޗައިނާއަށް ގެއްލުންވާ ގޮތަށް ޤައުމުތަކުން ހަދާ ވިޔަފާރީގެ އެއްބަސްވުންތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު ދީފިއެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ. ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކޮށްފައިވަނީ 10 ޕަސެންޓުންނެވެ.
އޭގެ ރައްދުގައި ޗައިނާއިން ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން 125 ޕަސެންޓުން ޑިޔުޓީ ބޮޑުކޮށްފައެވެ.
ގިނަ ޤައުމުތަކުން މިހާރު ދަނީ ޑިޔުޓީ ކުޑަކުރުމުގެ ބޭނުމުގައި އެމެރިކާ އާއެކު ވިޔަފާރީގެ ވަކި އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރަމުންނެވެ.
އެކަމާ ގުޅިގެން، ޗައިނާއިން ވަނީ އެމެރިކާއާ އެކު ހަދާ އެއްބަސްވުމަކުން ޗައިނާގެ މަސްޙަލަތު ނުގެއްލޭ ގޮތަށް ވިސްނުން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތަށް ވެއްޖެނަމަ، އެ ޤައުމަކާ ދެކޮޅަށް ޗައިނާއިން ވެސް ޑިޔުޓީ ބޮޑުކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު ވެސް ޗައިނާ ސަރުކާރުގެ ތަރުޖަމާނު ވަނީ ދެއްވައިފައެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރަށް އެރި ލޮޅުންތަކާ އެކު، ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވައިފައެވެ.