ENGLISH
21 އޭޕްރީލު 2025
ލިވަޕޫލް ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް
20 އޭޕްރީލު 2025
|
ލިވަޕޫލްގެ އެލެގްޒެންޑާ-އާނޯލްޑް (މ) އާއި އެލިއަޓް އެ ޓީމުގެ ކޯޗު، ސްލޮޓް (ކ) އާއެކު. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި ލެސްޓަރ ސިޓީ 1-0 އިން ބަލިކޮށް، ލިވަޕޫލް، ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ލިވަޕޫލް ވަނީ 33 މެޗުން 79 ޕޮއިންޓް ހަމަކޮށްފައެވެ. މިއާއެކު، ބާކީ އޮތް ފަސް މެޗުގެ ތެރެއިން އެ ޓީމަށް ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ.
ދެވަނައިގައި އުޅޭ އާސެނަލަށް 66 ޕޮއިންޓް ލިބިފައިވާއިރު، ހަތް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.
ކިންގޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނިކުތް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ.
މި މެޗުން ބަލިވި ލެސްޓަރ ވަނީ ރެލިގޭޓްވެފައެވެ. އެއީ، ލެސްޓަރ އަށް ބާކީ އޮތް ފަސް މެޗު ކާމިޔާބުކޮށްގެން 17 ވަނައިގައި އުޅޭ ވެސްޓް ހޭމް ޔުނައިޓެޑްގަށް ވުރެ ކުރިނުހޯދޭނެތީވެއެވެ. މިވަގުތު ފުލުން ދެވަނައިގައި އޮތް ލެސްޓަރ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ އަންނަ ހަފްތާ ބަންދުގައި އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެ މެޗު ކާމިޔާބުކޮށްގެން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.