ENGLISH
05 ސެޕްޓެމްބަރު 2025
ސިޓީން އެއްބަސްވުން އައު ނުކުރުމުން ހައިރާންވޭ: ޑި ބްރޭނާ
21 އޭޕްރީލު 2025
|
ސިޓީ އާއެކު ޕްރިމިއަރ ލީގުގެ ޓްރޮފީ ކާމިޔާބުކުރުމަށްފަހު ޑި ބްރޭނާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
މެންޗެސްޓަރ ސިޓީގެ ކޮންޓްރެކްޓް އައު ނުކުރުމަށް އެ ކުލަބުން ނިންމި ނިންމުމާމެދު ހައިރާންވާ ކަމަށް ކެވިން ޑި ބްރޭނާ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ޑި ބްރޭނާ ބުނީ، އޭނާ އަށް ބޮޑަށް ލަފާކުރެވޭ ގޮތުގައި އެއީ ވިޔަފާރީގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ސިޓީއާ އެކު މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއްދައްކައި އެ ޓީމުގެ ގިނަ ކާމިޔާބީތަކެއްގައި އެންމެ ހިއްސާ ބޮޑު އެއް ކުޅުންތެރިޔާ ކަމަށްވާ، ޑި ބްރޭނާ އެ ކުލަބު ދޫކޮށްލާނެކަން ހާމަކުރީ މި މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި، އޭނާ ވަނީ މިހާރުގެ ކޮންޓްރެކްޓް އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުން އެ ކުލަބު ދޫކޮށްލާނެ ކަމަށް ބުނެފައެވެ.
ޑި ބްރޭނާ ބުނީ، ސިޓީން އޭނާގެ އެއްބަސްވުން އައު ނުކުރާނެކަން އެނގުނީ އެ ޓީމު ދޫކޮށްލަން ނިންމިކަން އިޢުލާންކުރުމުގެ ދެތިން ދުވަސްކުރީން ކަމަށެވެ. އެކަން ކުލަބުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެ ހާލަތާއި ކުރިމަތިލާން ޖެހުނީ މުޅިން އުނދަގޫ ދަނޑިވަޅެއްގައި، އާއިލާގެ އެންމެހާ މެންބަރުން ޗުއްޓީއަށް ގޮސް އުޅުނު ދުވަސްވަރުގައި ކަމަށް ވެސް ޑި ބްރޭނާ ފާހަގަކުރިއެވެ.
"އަހަރެންނަކަށް ނުފެނޭ އޭގެ އިތުރު (ތަފްޞީލުތައް) ހިއްސާކުރާކަށް، އެއީ ބޮޑަށް ބިޒްނަސް-ވައިސްކޮށް ނިންމި ނިންމުމެއް. އެ ނޫން ކަމަކާމެދު ވިސްނާފައި ނިންމި ނިންމުމެއް ނޫން އެއީކީ،" ޑި ބްރޭނާ ބުންޏެވެ.
ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު ޑި ބްރޭނާ (ވ) ސިޓީގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޑި ބްރޭނާ ބުނީ، އޭނާގެ އެއްބަސްވުން އައު ނުކުރުމާ ގުޅޭގޮތުން ސިޓީން މާ ބޮޑު ތަފްޞީލެއް ދީފައިނުވާ ކަމަށާއި، އެކަން އޭނާ ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ޙަޤީޤަތަކީ އެއީ ކަމަށެވެ.
"މުޅި އަހަރު ތެރޭގައި ވެސް އަހަރެންނަށް އެއްވެސް އޮފަރއެއް ނުލިބޭ. އެމީހުން ހަމައެކަނި ނިންމި ނިންމުމެއް އެއީ. އެކަމާ ވަރަށް ބޮޑަށް ހައިރާންވި. އެކަމަކު، އެކަން އަހަރެން ޤަބޫލުކުރަންޖެހޭ،" ޑި ބްރޭނާ ބުންޏެވެ.
ޑި ބްރޭނާ ބުނީ، އޭނާ އަށް މިހާރެކޭ އެއްގޮތަށް ދައްކަމުންދާ ކުޅުން، އެ ފެންވަރުގައި އަދިވެސް ކުރިއަށްގެންދެވޭނެ ކަމަށެވެ.
"އަހަރެންނަށް އެއްވެސް ފަރުވާލެއް ނެތް. ދެންވެސް ބޭނުމީ ކުރިއެކޭ އެއްގޮތަށް ފުޓްބޯޅަ ކުޅުމުގައި ކުރިއަށްދާން. މުސްތަގުބަލާމެދު ވިސްނުމަށްފަހު، އެކަންކަމާ މަޝްވަރާކުރަން ފެށުން ދެން އޮތީ،" ޑި ބްރޭނާ ބުންޏެވެ.