ENGLISH

21 އޭޕްރީލު 2025

Advertisement

ލެވަންޑޯސްކީ އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް

20 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާގެ ފޯވާޑް، ލެވަންޑޯސްކީ. --ފޮޓޯ: ރޮއިޓާސް

ބާސެލޯނާގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ އަށް އަނިޔާވީ، ލީގުގައި އެންމެ ފަހުން ސެލްޓާ ވީގޯ އަތުން 4-3 އިން ބާސެލޯނާ މޮޅުވި މެޗުގައެވެ.

ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެންމެ ފަހުން ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، ލެވަންޑޯސްކީގެ ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ.

"އޭނާ (ލެވަންޑޯސްކީ) އެނބުރި ޓީމާ ގުޅޭނީ އަނިޔާއިން ރަނގަޅުވެ، ރިކަވަރީގެ ކަންކަން ކުރިއަށްދާ ގޮތަކުން،" ބާސެލޯނާގެ ބަޔާނުގައިވެއެވެ.

ލެވަންޑޯސްކީ އަށް ލިބުނު މި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ވަކި މުއްދަތެއް ބާސެލޯނާ އިން ބަޔާންކޮށްފައިނުވި ނަމަވެސް، ބެލެވޭގޮތުގައި މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ކޮޕަ ޑެލް ރޭގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

މި ވަގުތު ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ލެވަންޑޯސްކީ ވަނީ މިހާތަނަށް 25 ލަނޑު ޖަހައިފައެވެ. އަދި، އޭނާ ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް 40 ލަނޑު ޖަހައިފައެވެ.

ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުން، ލެވަންޑޯސްކީ އަށް ލިބިފައިމިވާ އަނިޔާގެ ސަބަބުން ތިން ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ އެވެ. އެހެންކަމަށްވާ ނަމަ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާންއާ ދެކޮޅަށް ބާސެލޯނާ ކުޅެން އޮތް މެޗުގައި އޭނާ އަށް ނުކުޅެވުން ގާތެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ބާސެލޯނާ އަށް ލިބޭނެ ހީނަރުކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު