ENGLISH
10 މޭ 2025
ކޯލީގެ މޮޅު ކުޅުމާއެކު ޕަންޖާބް އަތުން ބެންގަލޫރު މޮޅުވެއްޖެ
20 އޭޕްރީލު 2025
|
ބެންގަލޫރާ ޕަންޖާބް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބީސީސީއައި
އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިރާތު ކޯލީ ދެއްކި މޮޅުކުޅުމާއެކު ޕަންޖާބް ކިންގްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވެއްޖެ އެވެ.
މި ނަތީޖާއާއެކު، ބެންގަލޫރު ވަނީ ލީގު ތާވަލްގެ
ތިންވަނަ އަށް ޖެހިލައިފައެވެ. އެންމެ ކުރީގައި އުޅޭ ތިން ޓީމު ކަމަށްވާ، ގުޖުރާތު
ޓައިޓަންސް އާއި ދިއްލީ ކެޕިޓަލްސްގެ އިތުރުން ބެންގަލޫރަށް ވެސް ލިބިފައިވަނީ 10
ޕޮއިންޓެވެ. ގުޖުރާތާއި ދިއްލީ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.
މި މެޗުން ބެންގަލޫރު މޮޅުވީ ހަތް ވިކެޓުންނެވެ.
މޮހާލީގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބެންގަލޫރުން ގަސްދުކުރީ ހޮވަން އަރާށެވެ. ޕަންޖާބުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް ވަނީ 157 ލަނޑުހަދައިފައެވެ.
މި އިނިންގްސްގައި ޕަންޖާބުން އެންމެ ރަނގަޅަށް ކުޅުނު ޕްރަބްސިމްރަން ސިންގ ވަނީ 17 ބޯޅައިން 33 ލަނޑުހަދައިފައެވެ. ބެންގަލޫރުން އެންމެ ރަނގަޅަށް އުކީ ކްރުނަލް ޕަންޑްޔާ އާއި ސުޔާޝް ޝަރްމާ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ރައްދުގައި ކުޅެން އަރައި، ބެންގަލޫރުން ވަނީ 18.5 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 159 ލަނޑުހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ދެވްދަތު ޕަޑިއްކަލް ވަނީ 35 ބޯޅައިން 61 ލަނޑުހަދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެ ޓީމުގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ވަނީ ނުބައިނުވެ 54 ބޯޅައިން 73 ލަނޑުހަދައިފައެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ކަލްކަތާ ނައިޓް ރައިޑާސް ނިކުންނާނީ ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 7 ޖަހާއިރު އެވެ.