ENGLISH
20 އޭޕްރީލު 2025
ޕާކިސްތާނުގައި ކޭއެފްސީ ބޮއިކޮޓް ކުރަން ކުރި މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 170 އަށް
20 އޭޕްރީލު 2025
|
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އިޒްރޭލަށް ތާއީދުކުރާ ކޭއެފްސީ ބޮއިކޮޓް ކުރުމަށް ގޮވާލައި، ޕާކިސްތާނުގައި ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި، މިހާތަނަށް 170 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.
ޕާކިސްތާނުގައި ހިންގާ ކޭއެފްސީގެ އެކި ގޮފިތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 20 އަށް ވުރެ ގިނަ ޙަމަލާ އަމާޒުވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
އެ ޙަމަލާތައް ހުއްޓުވަން ނުކުތް ފުލުހުންނާ ކުރިމަތިލައި، ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގައިފައެވެ. އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 178 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ ހަމަނުޖެހުންތަކުގެ ތެރެއިން ކޭއެފްސީގައި މަސައްކަތް ކުރާ މުވައްޒަފެއް ގަޔަށް ބަޑި ޖަހައި ވަނީ މަރާލައިފައެވެ. ނަމަވެސް، އެ ތަނުގައި އޭރު މުޒާހަރާއެއް ކުރިއަށް ގޮސްފައިނުވާތީ، މި ހާދިސާއާ ބޮއިކޮޓް މުޒާހަރާ އާ ގުޅުމެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.
މުސްލިމުންގެ އާބާދީ ބޮޑު ގިނަ ޤައުމުތަކެކޭ އެއްފަދައިން، ޕާކިސްތާނުގައި ވެސް އިޒްރޭލަށް ފަންޑުކުރާ އަދި އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ދަނީ ގޮވައިލަމުންނެވެ.
ނަމަވެސް، ބޮއިކޮޓް ކެމްޕޭނުގެ ދަށުން ހަމަނުޖެހުން ނުއުފެއްދުމަށް ޕާކިސްތާނުގެ ދީނީ އިސް އިލްމުވެރިން ވެސް ވަނީ އާންމުންނަށް ގޮވާލައިފައެވެ.
މިގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ކުރަމުންދާ ވަރުގަދަ ކެމްޕޭނުގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކުންފުނިތަކުގެ ތެރޭގައި ކޭއެފްސީގެ އިތުރުން ސްޓާބަކްސް އާއި މެކްޑޮނަލްޑްސް ވެސް ހިމެނެއެވެ.