ENGLISH
20 އޭޕްރީލު 2025
އިންޑިޔާގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި 11 މީހަކު މަރުވެއްޖެ
20 އޭޕްރީލު 2025
|
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ރަށް ބޭރުގެ ސަރަޙައްދެއްގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި، މިހާތަނަށް 11 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
ނިއު ދިއްލީގެ އިރުއުތުރުގައި ހުންނަ ސަރަޙައްދުގައި މައިގަނޑު ގޮތެއްގައި ދިރިއުޅެނީ އެކި ހިސާބުތަކުން ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނެވެ.
ވެއްޓުނު އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 11 މީހުން މަރުވެފައިވާކަމަށް އިންޑިޔާގެ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
އަދި މިހާތަނަށް ސަލާމަތްކުރެވުނު 11 މީހެއްގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އެ ޓީވީން ބުންޏެވެ.
މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ނަމަވެސް، އިމާރާތް ވެއްޓެން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ.
ސްޓޭޓް ސަރުކާރުތަކުގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތައް ބޮޑުވެ، އިމާރާތްތަކާއި ބްރިޖުތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް އިންޑިޔާގައި އަބަދުވެސް ހިނގައެވެ.