ENGLISH
04 ޖޫން 2025
ރަފީނިއާގެ އެހީގައި ބާސެލޯނާ މޮޅުވެއްޖެ
19 އޭޕްރީލު 2025
|
ބާސެލޯނާގެ ރަފީނިއާ، ޕެނަލްޓީ ސްޕޮޓްމަތިން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރަފީނިއާ ވައްދާލި ޕެނަލްޓީއާއެކު، ސެލްޓާ ވީގޯ އަތުން 4-3 އިން ބާސެލޯނާ މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު، ބާސެލޯނާ ވަނީ ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ބާސެލޯނާ އަށް ލިބިފައިވަނީ 32 މެޗުން 73 ޕޮއިންޓެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 66 ޕޮއިންޓާއެކު އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު، ފެރާން ޓޮރޭސްގެ ލަނޑުން އެ ޓީމު ލީޑު ނަގާފައިވަނިކޮށް، ސެލްޓާ އަށް އެއްވަރުކޮށްދިނީ ބޯރްހާ އިގްލީސިއަސް އެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ސެލްޓާގެ އިގްލީސިއަސް ވަނީ އިތުރު ދެ ލަނޑުޖަހައި، ހެޓްރިކް ފުރިހަމަކޮށް ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، ބާސެލޯނާ އިން ވަނީ ފުލުފުލުގައި ދެ ލަނޑުޖަހައި، އެއްވަރުކޮށްފައެވެ. ބާސެލޯނާ އަށް މި ދެ ލަނޑު ޖަހައިދިނީ ޑަނީ އޮލްމޯ އާއި ރަފީނިއާ އެވެ.
މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ބާސެލޯނާ މޮޅުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރަފީނިއާ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ސެލްޓާގެ ކުޅުންތެރިއަކު އޮލްމޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން އިތުރަށް ބެލުމަށްފަހު އެވެ.