ENGLISH
20 އޭޕްރީލު 2025
އެވަޓަން ބަލިކޮށް، ސިޓީ ހަތަރުވަނަ އަށް
19 އޭޕްރީލު 2025
|
އެވަޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕީއޭ
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު އެވަޓަން 2-0 އިން ބަލިކޮށް، މެންޗެސްޓަރ ސިޓީ ތާވަލްގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ސިޓީ ހަތަރު ވަނައިގައި އޮތީ 33 މެޗުން ހޯދި 58 ޕޮއިންޓާއެކު އެވެ.
ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އާސެނަލް އޮތީ 63 ޕޮއިންޓް ހޯދައިގެންނެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މެޗުގައި ސިޓީން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގެ ދިހަ ވަރަކަށް މިނެޓުގެ ތެރޭގައެވެ.
ސިޓީގެ ލަނޑުތައް ޖަހައިދިނީ ނިކޯ އޯ'ރެއިލީ އާއި މަޓެއޯ ކޮވެސިޗް އެވެ.
މި މެޗުން ބަލިވި އެވަޓަން އުޅެނީ 13 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރެންޓްފޯޑުން ވަނީ 4-2 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމު ވަނީ 0-0 އިން ބޯންމަތުއާ އެއްވަރުވެފައެވެ. ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި 1-1 އިން އެ ޓީމު ވަނީ ސައުތެމްޓަނާ އެއްވަރުވެފައެވެ.