ENGLISH
10 މޭ 2025
ސެމީ އަށް ދަތުރުކުރުމުން ޓްރާންސްފަރ ބާޒާރުގައި އާސެނަލަށް ފައިދާކުރާނެ: އާޓޭޓާ
19 އޭޕްރީލު 2025
|
އާސެނަލްގެ ކޯޗު، އާޓޭޓާ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިނުގެ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު، 16 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމާއެކު ކުރިއަށް އޮތް ޓްރާންސްފަރ ބާޒާރުގައި އެންމެ މޮޅު ކުޅުންތެރިން ހޯދުމުގައި އާސެނަލަށް ފަސޭހަވެގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު، މިކޭލް އާޓޭޓާ ބުނެފިއެވެ.
އާޓޭޓާ މިހެން ބުނީ، ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޗެމްޕިއަންސް ލީގުގެ ތާރީޚުގެ އެންމެ ކާމިޔާބު ޓީމު، ރެއާލްގެ މައްޗަށް އާސެނަލް ވަނީ ކުއާޓަރ ފައިނަލުގެ ދެ މެޗުގެ އެގްރިގޭޓުން 5-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. މިއާއެކު، އެ ޓީމު އެ މުބާރާތުގެ ސެމީގައި ނިކުންނާނީ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށެވެ.
އާޓޭޓާ ވަނީ، އާސެނަލް އަކީ ވަރަށް ނަސީބު ރަނގަޅު ކުލަބެއް ކަމަށާއި، އެ ކުލަބުން ގެނައުމަށް ކުޅުންތެރިއަކާ މަޝްވަރާކުރާ ކޮންމެ ފަހަރަކު އެ ކުޅުންތެރިއަކު އާސެނަލްއާ ގުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.
އާސެނަލްގެ ސަކާ، ޕެނަލްޓީ ސްޕޮޓްމަތީން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އާސެނަލް.ކޮމް
އާޓޭޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާސެނަލަށް މިދިޔަ ޖަނަވަރީ މަހުން ފެށިގެން އެންމެ ބޭނުންވެފައިވަނީ ފޯވާޑްލައިންގެ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިންނެވެ. އެގޮތުން، އެ ޓީމުގެ ފޯވާޑްލައިންގައި އެންމެ އިސް ފޯވާޑެއްގެ ގޮތުގައި ކުޅެމުންއައި ގެބްރިއެލް ޖެސޫސް އާއި ކައި ހަވާޓްޒް އަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން މި ސީޒަނުގެ ބާކީބައި ވަނީ ގެއްލިފައެވެ.
މީގެއިތުރުން، މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އާސެނަލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، ބުކާޔޯ ސަކާ އަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރިއައީ ތިން މަހެއްހާ ދުވަސްފަހުންނެވެ.
މި ހުރިހާ ސަބަބުތަކެއް މިހެން އޮތްއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އާސެނަލަށް ބަދަލުވެދާނެ ކަމަށް ބެލެވޭ ގިނަ ކުޅުންތެރިންތަކެއްގެ ވާހަކަތައް އަންނަނީ މީޑިއާގައި ދެކެވެމުންނެވެ. އޭގެތެރޭގައި، ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންގެ ސްވިޑެން ފޯވާޑް، ވިކްޓޯ ޔޮކެރޭޝް، އާރްބީ ލީޕްޒިގުގެ ބެންޖަމިން ސެޝްކޯ އާއި ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯގެ ވިންގ، ނިކޯ ވިލިއަމްސް ހިމެނެއެވެ.
އާޓޭޓާ ބުނީ، ރެއާލްގެ މައްޗަށް ހޯދި ބޮޑު މޮޅުގެ ސަބަބުން އިތުރު ކުޅުންތެރިން އާސެނަލަށް ޝައުގުވެރިވެ، އެ ކުޅުންތެރިންގެ ހިތުގައި އެ ކުލަބަށް އޮންނަ އިތުބާރު ބޮޑުވެ، އެ ޓީމާއެކު ޔޫރަޕްގެ ޝަރަފުވެރި މުބާރާތުގައި ކުޅެލަން ބޭނުންވުން އެކަށީގެންވާ ކަމަށެވެ.
ރެއާލްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
"ޖުމްލަކޮށް ބުނާ ނަމަ އަހަރެމެން މި ތިބީ ތައްޔާރަށް، މިހާރު މި ޓީމު މިއޮތީ ވަރުގަދަކޮށް. ކޮންމެ ކުޅުންތެރިއަކު ވެސް މި ޓީމަށް ގެނެވޭނެ،" އާޓޭޓާ ބުންޏެވެ.
އާސެނަލްގެ ފޯވާޑްލައިންގައި ހިމެނޭ ހަވާޓްޒްގެ އަނިޔާއާ ގުޅޭގޮތުން އާޓޭޓާ ބުނީ، މި ސީޒަނުގައި އޭނާ ދަނޑުމަތިން ފެނިދާނެ ކަމަށެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުތަކުގެ ކުރީން ހަވާޓްޒް ފިޓްވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އާޓޭޓާ ވަނީ ބުނެފައެވެ.
"އަންދާޒާކުރާނަމަ، ކުރީން ބެލެވިފައި އޮތް ވަގުތަށްވުރެ އަވަހަށް އޭނާ (ހަވާޓްޒް) ދަނޑުމަތީން ފެންނާނެކަން އެއީ ޔަގީންކަމެއް. ޖިމްގައި އޭނާގެ މަސައްކަތްތައް ހުންނަ ގޮތުން މާގިނަދުވަހު ކުޅުމާ ދުރުގައި ބެހެއްޓޭނެހެން ހީއެއްނުވެ،" އާޓޭޓާ ބުންޏެވެ.