ENGLISH

20 އޭޕްރީލު 2025

Advertisement

ލިވަޕޫލް ޓީމަށް ބަދަލުތަކެއް ނުގެނެސް އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން ސްލޮޓް ވާހަކަދައްކައިފި

19 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ލިވަޕޫލްގެ ކޯޗު، ސްލޮޓް (ކ) އެ ޓީމުގެ ފުލްބެކް، އެލެގްޒެންޑާ-އާނޯލްޑް އާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރަށް ފަހު، ލިވަޕޫލް ޓީމަށް ބަދަލުތަކެއް ނުގެނެސް މިހާރު އޮތް ޓީމު އޮތް ގޮތަށް، ބޭއްވިއްޖެ ނަމަ އެއީ ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު، އާނޭ ސްލޮޓް ސިފަކޮށްފިއެވެ.

ސްލޮޓް މިހެން ބުނީ، ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ލިވަޕޫލްގެ ކޯޗު، ސްލޮޓް ދެއްކި ވާހަކައިގައި ވަނީ، އެ ޓީމުގެ އިނގިރޭސި ފުލްބެކް، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑްގެ މުސްތަގުބަލާމެދު މިހާތަނަށް ވަކި ގޮތެއް އަދިވެސް ނުނިމޭ ކަމަށް ބުނެފައެވެ.

ލިވަޕޫލުން ވަނީ، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާން އޮތް އެ ޓީމުގެ ސުޕަސްޓަރ، މުޙައްމަދު ސަލާހު އާއި ކެޕްޓަން، ވާޖިލް ވެން ޑައިކްގެ އެއްބަސްވުން އާކޮށްފައެވެ. އެކަމަކު، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، އެލެގްޒެންޑާ-އާނޯލްޑްގެ ކުރިމަގާމެދު ޔަގީންކަމެއް ނެތެވެ. އޭނާއާ އެކު ލިވަޕޫލުން ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

"މިހާރުވެސް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހާސިލްކުރެވިއްޖެ،" މިސްރުގެ ފޯވާޑް، ސަލާހު އާއި ވެން ޑައިކްގެ އެއްބަސްވުން އާ ކުރުމާ ގުޅޭގޮތުން ސްލޮޓް ބުންޏެވެ.

ސްލޮޓް ބުނީ، މިހާރުވެސް މުހިއްމު ދެ ކުޅުންތެރިން މަޑުކުރެވިއްޖެ ކަމަށާއި، ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގެ ބާކީ އޮތް ބައިގައި ދެންވާގޮތް ބަލަން ތިބެން ޖެހޭ ކަމަށެވެ.

ލިވަޕޫލްގެ މިހާރު އޮތް ޓީމާމެދު އުފާ ނުވާ ކަމަށް ބުނެފި ނަމަ އެއީ އޭނާ އަށް އަޖައިބުކުރަނިވި ކަމަކަށް ވާނެ ކަމަށާއި، އެ ޓީމާމެދު ހިތްހަމަޖެހޭ ކަމަށް މީގެކުރީން ވެސް ބުނެފައިވާނެ ކަމަށް ސްލޮޓް ފާހަގަކުރިއެވެ. އަދި މިހާރު އޮތް ޓީމުގެ ކުޅުންތެރިންތައް އެ ކުލަބުގައި މަޑުކުރުވިއްޖެނަމަ އެއީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ހާސިލްކުރެވޭނެ މުހިއްމު ކަމެއް ކަމަށް ސްލޮޓް ބުންޏެވެ.

ސްލޮޓްގެ ވަނީ، ވަކިވަކި ކުޅުންތެރިންގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ނުދައްކާނެ ކަމަށާއި، އެ ކުޅުންތެރިންގެ ފަރާތުން ދައްކުވައިދޭ ނަމޫނާ އަޚްލާޤަށް ތަޢުރީފުކުރާ ކަމަށް ބުނެފައެވެ.

އަދި، އެއްވެސް ކުޅުންތެރިއެއްގެ މުސްތަގުބަލާ ގުޅޭގޮތުން ކަންކަން ނުނިމޭހާ ހިނދަކު އެފަދަ ވާހަކަތައް ނުދައްކާނެ ކަމަށާއި، އެހެން ކުޅެންތެރިންނެކޭ އެއްފަދައިން ޓްރެންޓް [އެލެގްޒެންޑާ-އާނޯލްޑް] ވެސް ޓީމަށް އޮތް ލޯތްބާއި ވަފާތެރިކަން ދައްކުވައިދީ ފަރިތަކުރުންތަކުގައި ބަރާބަރަށް ބައިވެރިވަމުން އަންނަ ކަމަށް ވެސް ސްލޮޓް ބުންޏެވެ.

ލީގުގައި ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮތީ މާދަމާ ރަށުން ބޭރުގައި ލެސްޓަރއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މާދަމާ ރޭ 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު