ENGLISH

20 އޭޕްރީލު 2025

Advertisement

އެޑަސަން އަށް އަނިޔާވެ، އެވަޓަން މެޗުގައި ނުކުޅެވޭނެ

19 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ސިޓީގެ ކީޕަރު، އެޑަސަން (މ) އަށް އަނިޔާވެގެން ދަނޑުން ބާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން މެންޗެސްޓަރ ސިޓީގެ ގޯލްކީޕަރު، އެޑަސަން މޮރައެސް އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ، މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އުމުރުން 31 އަހަރުގެ އެޑަސަން އަށް އަނިޔާވީ، ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އަތުން 5-2 އިން ސިޓީ މޮޅުވި މެޗުގައެވެ. އެ މެޗުގެ 71 ވަނަ މިނެޓުގައި އެޑަސަން އަށް ލިބުނު މި އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި އެ މެޗުގައި ކުޅެން ނިކުތީ ޖަރުމަންގެ ގޯލްކީޕަރު، ސްޓެފަން އޯޓޭގާ އެވެ.

ގާޑިއޯލާ ބުނީ، އެޑަސަން އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން އޭނާ އަށް ނޭނގޭ ކަމަށާއި، އެވަޓަންއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށެވެ.

ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެޑަސަން އަށް އަނިޔާވުމުގެ ކުރީން، ވަނީ އެ މެޗުގައި ސިޓީން ޖެހި ހަތަރުވަނަ ލަނޑުޖަހައިދިނުމަށް އެހީތެރިވެދީފައެވެ.

އެޑަސަންގެ ބަދަލުގައި ކުރިއަށް އޮތް އެވަޓަން މެޗުގައި ސިޓީގެ ގޯލު ބަލަހައްޓައިދޭނެ ކަމަށް ބެލެވޭ، އޯޓޭގާ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެ ޓީމަށް މުޅިއެކު 17 މެޗުގައި ކުޅެފައެވެ.

މީގެކުރީން، އެޑަސަން އަށް ވަނީ އަނިޔާގެ ސަބަބުން މި ސީޒަނުގައި ސިޓީން ކުޅުނު 8 މެޗެއް ގެއްލިފައެވެ.

ނިމިދިޔަ ސީޒަނުގެ މެއި މަހު ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި ލޮލުގެ ކަށިގަނޑަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް އެޑަސަން ބައިވެރިނުވެއެވެ.

އޭނާ ވަނީ މި ފަހަރުގެ ސީޒަނުގައި ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ސިޓީ އަށް ކުޅެދިން 33 މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ނުވަ މެޗު ފުރިހަމަކޮށްފައެވެ. އަދި، ލީގުގައި މުޅިއެކު ހަތަރު އެސިސްޓް ހަދާފައެވެ.

އެޑަސަންގެ އިތުރުން ސިޓީ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ޖޯން ސްޓޯންސް އާއި ނޭތަން އަކޭ ހިމެނެއެވެ. އެހެންނަމަވެސް މީގެކުރީން، އަނިޔާގައި ތިބި ކުޅުންތެރިން ކަމަށްވާ، ފިލް ފޯޑެން އާއި މެނުއަލް އަކަންޖީ ސިޓީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު