ENGLISH
10 މޭ 2025
ކެރަމް ޤައުމީ ޓީމު އެކުލަވާލައިފި
19 އޭޕްރީލު 2025
|
ކެރަމް ސިލެކްޝަންގެ ގަދަ 4. --ފޮޓޯ: ސީއޭއެމް
ކެރަމް ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި އަހަރުގެ ދެވަނަ ސިލެކްޝަން ނިންމާލައި، ޓީމު އެކުލަވާލައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި މި މަހު 11 ވަނަ ދުވަހު ފެށި ސިލެކްޝަންގެ ރޭ ކުރިއަށްދިޔަ ފަސްވަނަ ބުރުގެ މެޗުތަކަށް ފަހު އަންހެން އަދި ފިރިހެން ފަސް ކުޅުންތެރިން ރޭންކް ކުރުމަށްފަހު ވަނީ ޤައުމީ ޓީމު އެކުލަވާލައިފައެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބުނީ، މި ފަހަރުގެ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި ޕްރީ-ސިލެކްޝަންގައި އަންހެން އަދި ފިރިހެން ދެ ޑިވިޝަން ހިމެނޭ ގޮތަށް މުޅިއެކު 29 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.
ރޭ ކުޅުނު ފަސްވަނަ ބުރުގެ މެޗުތަކަށްފަހު، ފައިނަލް ކުރެވުނު ޤައުމީ ސްކޮޑުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް (ނާނަ)، އިސްމާއިލް އަޒްމީން، ޚާތިމް ޚަލީލް އާއި ޔަމާން އަބްދުލް ޖަލީލް އެވެ.
މި ފަހަރުގެ ޤައުމީ ޓީމުން ޖާގަ ހޯދި އަންހެން ކުޅުންތެރިންނަކީ؛ އައިޝަތު ނަހުފާ، އައިމިނަތު ވިދާދް، އާމިނަތު ޝުބާ އާދަމް، އާމިނަތު ވިޝާމާ އާއި އާމިނަތު ޝިޔާމާ އެވެ.
ކޮންމެ ހަތަރު މަހުން އެއް ފަހަރު ޤައުމީ ޓީމުގެ ސެލެކްޝަން ކުރިއަށް ގެންދެއެވެ. އެހެންކަމުން، މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކެރަމްގެ ތިންވަނަ ސިލެކްޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.