ENGLISH

19 އޭޕްރީލު 2025

Advertisement

ވޯލްޑް ކަޕްގައި ކުޅުމާމެދު މެސީ ވަކި ގޮތެއް ނުނިންމާ: ރިޕޯޓް

19 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އާޖެންޓީނާގެ ކެޕްޓަން، މެސީ. --ފޮޓޯ: އައި އިމޭޖަސް

ދެހާސް ސައްބީސް ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅުމާމެދު އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ވަކި ގޮތެއް ނުނިންމާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަންނަ އަހަރު އުތުރު އެމެރިކާ ބައްރުގައި ހޯސްޓްކުރާ ވޯލްޑް ކަޕުގެ ތެރޭގައި މެސީގެ އުމުރުން 38 އަހަރު ފުރޭނެ އެވެ. އަދި، މެސީ ވަނީ، އެންމެ ފަހުން ޤަތަރުގައި 2022 ވަނަ އަހަރު ބޭއްވި މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމަށް ފަހު އެއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ބުނެފައެވެ.

މިވަގުތު އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ އިންޓަރ މިއާމީއާ އެކު މެސީ އަންނަނީ އަދިވެސް އެންމެ މަތީ ފެންވަރުގައި ކުޅެވޭނެކަން ސާބިތުކޮށްދެމުންނެވެ. އެ ޓީމުގެ ކޯޗު އަދި ކުރީން ޤައުމީ ޓީމަށް ވެސް މެސީއާއެކު ކުޅެފައިވާ ހަވިއޭ މަޝަރާނޯ ބުނީ، ވޯލްޑް ކަޕުން މެސީ ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ވޯލްޑް ކަޕް ފެށެން އަހަރަކަށް ވެފައިވާއިރު އެ މުބާރާތުގައި ކުޅޭނެކަން އިޢްލާންނުކުރި ނަމަވެސް، މެސީ އެ މުބާރާތުގައި ކުޅެފިނަމަ ވެގެންދާނީ ރެކޯޑަކަށެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް ވާނީ އޭނާގެ ހަވަނަ މުބާރާތަށެވެ.

ދާދިފަހުން މެސީ ދިން އިންޓަވިއުއެއްގައި ވަނީ، ކުރިއަށް އޮތް ވޯލްޑް ކަޕާމެދު ވިސްނަން ފަށާއިރު އެ މުބާރާތް އޮތީ ދުރުގައި ކަމަށެވެ. އެހެންނަމަވެސް، ލަސްތަކެއްނުވެ އެ ދުވަސް އައިސްޖެހިދާނެ ކަމަށް ވެސް މެސީ ބުންޏެވެ.

އާޖެންޓީނާ އަށް ލަނޑެއްޖަހައިދިނުމަށްފަހު މެސީ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

"އަހަރެންނަށް މި އަހަރަކީ (ވޯލްޑް ކަޕަށްދާއިރު) މުހިއްމު އަހަރެއް. މެދުކެނޑުމެއްނެތި ކުޅެން ބޭނުން. މިދިޔަ އަހަރުގެ ޕްރީ-ސީޒަންގައި ބައިވެރިވެ ދެތިން މެޗެއް ކުޅުނިން. އެކަމަކު، ދެން ފަހުން ލިބުނު އަނިޔާއަކާ ގުޅިގެން މެޗުތަކެއް ގެއްލުނު. އެއާ ޚިލާފަށް މިފަހަރުގެ ޕްރީ-ސީޒަން ފެށީ ރަނގަޅަށް،" މެސީ ބުންޏެވެ.

މެސީ ބުނީ، މިއީ ދިގު ސީޒަނެއް ކަމަށާއި، މިހާރުން ފެށިގެން މެދުކެނޑުމަކާނުލައި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާއިރު ޖޫން މަހުގެ ތެރޭގައި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް އެބައޮތް ކަމަށެވެ. އެއީ އިތުރު މުބާރާތަކަށްވުމުން ވަރަށް ގިނަ މެޗުތަކެއް ކުރިއަށް އެބައޮތް ކަމަށް ވެސް މެސީ ފާހަގަކުރިއެވެ.

"އަހަރެން އެކަމާ މެދު ވިސްނައި އަދި ބަލާނަން، އެކަމަކު އަހަރެން ބޭނުމެއް ނޫން އެ ލަނޑުދަނޑި ކަނޑައަޅާކަށް ވެސް،" މެސީ ބުންޏެވެ.

މެސީ ބުނީ، ވޯލްޑް ކަޕާ ކުރިމަތިލާއިރު އޭނާ ފިޒިކަލީ ރަނގަޅު ހާލަތެއްގައި ހުރުން މުހިއްމު ކަމަށެވެ. އެހެންކަމުން، އެ މުބާރާތުގައި ކުޅުމާމެދު ގޮތެއް ނިންމާނީ އެކަމަށް ރިޢާޔަތްކުރުމަށް ފަހު ކަމަށް މެސީ ބުންޏެވެ.

މެސީ، ފީފާ ވޯލްޑް ކަޕްގެ ޓްރޮފީއާއެކު. --ފޮޓޯ: އޭއެފްޕީ

އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން މެސީ ނުކުޅެ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި، މެސީގެ ބައިވެރިވުމާމެދު ކެތްތެރިވެ ތިބުމަށް އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ވަނީ އިލްތިމާސްކޮށްފައެވެ.

މިހާތަނަށް އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު 191 މެޗުގައި 112 ލަނޑުޖަހައިދީފައިވާ މެސީ އަކީ ވޯލްޑް ކަޕްގެ މުބާރާތްތަކުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. މެސީ މިހާތަނަށް ވޯލްޑް ކަޕްގައި 26 މެޗު ކުޅެފައިވާއިރު، އުޅެނީ އެ މުބާރާތުގެ ލަނޑު ލިސްޓުގެ ތިންވަނައިގައެވެ. އެންމެ ފަހުގެ މުބާރާތުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވެސް މެސީ އެވެ.

މިހާރު ކުރިއަށްދާ ސީޒަނުގައި ހުރިހާ މުބާރާތެއް ހިމެނޭގޮތަށް މެސީ ވަނީ އިންޓަރ މިއާމީ އަށް ކުޅުނު 10 މެޗުގައި 8 ލަނޑުޖަހައި، އިތުރު ތިން ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.

އިންޓަރ މިއާމީއާ އެކު މެސީ ދެން ނުކުންނާނީ ކޮލަމްބަސް ކްރޫއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:30 ގައެވެ. އެއަށްފަހު، މި މަހުގެ 25 ވާ ހުކުރު ދުވަހު ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބައްދަލުކުރާނީ ވެންކޫވަރ ވައިޓްކެޕްސްއާ އެވެ.

ކިޔުންތެރިންގެ ހިޔާލު