ENGLISH

19 އޭޕްރީލު 2025

Advertisement

އައިޕީއެލްގައި ޕަންޖާބު އަތުން ބެންގަލޫރު ބަލިވެއްޖެ

19 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕަންޖާބްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ކުރުކޮށްލަން ޖެހުނު މެޗުން ޕަންޖާބް ކިންގްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިވެއްޖެއެވެ.

މި މެޗުން ބެންގަލޫރު ބަލިވީ ފަސް ވިކެޓުންނެވެ.

މިއީ ބެންގަލޫރު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ މުބާރާތުގައި ޕަންޖާބްގެ ފަސްވަނަ މޮޅެވެ.

ރޭގެ މެޗުގެ ޓޮސް ދިމާވުމުން ޕަންޖާބުން ގަސްދުކުރީ ހޮވަން އަރާށެވެ. ވާރޭގެ ސަބަބުން ކޮންމެ އިނިންގްސްއެއް 14 އޯވަރަށް ކުރުކޮށްލުމުން ބެންގަލޫރުގެ އިނިންގްސްގައި ކުޅެންއަރައި، ނުވަ ކުޅުންތެރިން ނުބައިވީ 95 ލަނޑަށެވެ.

ބެންގަލޫރުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 26 ބޯޅައިން 50 ލަނޑުހެދި ޓިމް ޑޭވިޑް އެވެ. މި އިނިންގްސްގައި ޕަންޖާބްގެ އުކުންތެރިން ކަމަށްވާ، އާޝްދީޕް ސިންގ، މާކޯ ޖެންސަން، ޔުޒްވެންދްރަ ޗަހާލް އާއި ހަރްޕްރީތު ބްރާރް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ރައްދުގައި ކުޅެން އަރައި، 12.1 އޯވަރުގެ ތެރޭގައި ޕަންޖާބުން ވަނީ ފަސް ވިކެޓަށް 98 ލަނޑުހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ބޯޅައިން 33 ލަނޑުހެދި ނެހާލް ވަދޭރާ އެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ޖޭޝް ހޭޒަލްވުޑް ތިން ވިކެޓްނެގިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބެންގަލޫރުގެ ޓިމް ޑޭވިޑް އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ގުޖުރާތު ޓައިޓަންސް ބައްދަލުކުރާނީ ދިއްލީ ކެޕިޓަލްސްއާ އެވެ. އަނެއް މެޗުގައި ރާޖަސްތާން ރޯޔަލްސް ނިކުންނާނީ ލަކްނޯ ސުޕަ ޖަޔަންޓްސްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު