ENGLISH
19 އޭޕްރީލު 2025
ޔަމަނުގެ ބަނދަރަށް އެމެރިކާއިން ދިން ވަރުގަދަ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 80 އަށް
19 އޭޕްރީލު 2025
|
ޔަމަނުގެ ތެޔޮ ބަރުކުރާ ބަނދަރަކަށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 80 އަށް އަރާފައި. --ފޮޓޯ: ރޮއިޓާސް
ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހޫތީ ޖަމާޢަތަށް އަމާޒުކޮށް، ޔަމަނުގެ ތެޔޮ ބަރުކުރާ ބަނދަރަކަށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ޔަމަނުގެ ރަސް އިއްސާ ބަނދަރަށް ޙަމަލާ ދީފައިވަނީ، ހޫތީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރަމުންދިޔަ މަގެއް ބަންދުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ހޫތީންގެ ސިއްޙީ ވުޒާރާއިން ބުނީ އެ ޙަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު 80 އަށް އަރާފައިވާއިރު، އޭގެތެރޭގައި ސިއްޙީ ޚިދުމަތްތެރިން ވެސް ހިމެނޭ ކަމަށެވެ.
އެ ޙަމަލާތަކުގައި 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެގެން ފަރުވާ ދެމުންދާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
އީރާނުން ވާގިވެރިވާ ހޫތީންނާ ދެކޮޅަށް އެމެރިކާއިން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ.
މި އޮޕަރޭޝަން ފެށީ، ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ އެމެރިކާ އަދި ރަހުމަތްތެރި ޤައުމުތަކުގެ އުޅަނދުތަކަށް ހޫތީން ޙަމަލާ ދެމުންދާތީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އޭގެ ރައްދުގައި، ހޫތީން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ އަސްކަރީ އުޅަނދުތަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ.
ނަމަވެސް، އެ ޙަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުލިބޭކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އިޒްރޭލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމަލާތައް ދޭން ފެށުމާއެކު، އެ ޢުދުވާނުގެ ރައްދުގައި ހޫތީން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މިގޮތުން މިހާތަނަށް 190 އަށް ވުރެ ގިނަ އުޅަނދަށް ޙަމަލާދީފައިވާއިރު، އިޒްރޭލަށް އަމާޒުކޮށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ވެސް ދީފައިވެއެވެ.