ENGLISH
19 އޭޕްރީލު 2025
ކުރިއެރުމެއް ނުލިބޭނަމަ ރަޝިޔާ އާއި ޔޫކްރޭނު ސުލްޙަ ކުރުމުގެ މަސައްކަތް ހުއްޓައިލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޭޕްރީލު 2025
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި ޔުކްރޭނުގެ ރައީސް ޒެލެންސްކީ.
ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ކައިރި މުސްތަޤުބަލެއްގައި އަވަސް ކުރިއެރުންތަކެއް ނުލިބޭނަމަ، އެ މަސައްކަތް އެމެރިކާއިން ހުއްޓައިލާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ވަޑައިގެންނެވުމާ އެކު، ޓްރަމްޕް ގެންދަވަނީ ރަޝިޔާ އާއި ޔޫކްރޭނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ފަރާތަށް ވެސް ޕްރެޝަރުތައް ކުރިމަތިކުރުވަމުންނެވެ. ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑުކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އެއާ އެކު ޓްރަމްޕް ވަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އަދާކުރަމުންދާ މެދުވެރިއެއްގެ ދައުރު ހުއްޓައިލަން ޖެހިދާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
"ކޮންމެ ސަބަބަކާ ހެދި ނަމަވެސް، މިކަމުގައި އެއްވެސް ފަރާތަކުން ދޫދޭން ދެކޮޅު ހަދާނަމަ، ތިއީ ބޮޑެތި މޮޔައިން ކަމަށް ބުނެ، އަޅުގަނޑުމެންނަށް ޖެހޭނީ މިކަން ދޫކޮށްލަން،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، އެފަދަ ފިޔަވަޅެއް އަޅަންނުޖެހޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާ މެދުވެރިވެގެން މަޝްވަރާތައް ކުރެވެމުންދާއިރު ވެސް، ރަޝިޔާއިން މިފަހުން ވަނީ ޔޫކްރޭނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.