ENGLISH
19 އޭޕްރީލު 2025
ޒެލެންސްކީއަށް ފާޑުވިދާޅުވި ޓްރަމްޕްގެ ރާގު ބަދަލުވެއްޖެ، ވިދާޅުވީ މައުދަނުގެ އެއްބަސްވުމުގައި "ވަރަށް އަވަހަށް" ސޮއިކުރެވޭނެ ކަމަށް
18 އޭޕްރީލު 2025
|
ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީއަށް ސީރިއަސް ތުހުމަތުތަކެއް ކުރެއްވި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރާގު ބަދަލުކޮށްލައްވައި، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުން ނަފާ ހޯދުމުގެ އެއްބަސްވުމުގައި "ވަރަށް އަވަހަށް" ސޮއި ކުރެވޭނެކަމަށް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ވަޑައިގެންނެވިފަހުން، ޓްރަމްޕް ގެންދަވަނީ ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަދި ރަޝިޔާ އާއި ޔޫކްރޭނުގެ ހަނގުރާމަ ފެށުނީ ސީދާ ޒެލެންސްކީގެ ސަބަބުން ކަމަށާއި، އެ ހަނގުރާމައިގެ ތެރެއިން މަރުވި ޔޫކްރޭނު ރައްޔިތުންގެ ޒިންމާ، ޒެލެންސްކީ އުފުއްލަވަންޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަމަވެސް، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުވުމަށްފަހު، ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ރަޝިޔާ އާ އެކު ހަނގުރާމަ ފެށުމުގެ ޒިންމާ ޒެލެންސްކީ ނަންގަންވަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މީގެއިތުރުން، އަންނަ ހަފްތާގެ ތެރޭގައި ޔޫކްރޭނާ އެކު މައުދަނުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މައުދަނުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އޭރު ހަމަޖެހިފައި އޮތީ، މިދިޔަ ފެބްރުއަރީ މަހު ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުން ދެ ރައީސުންގެ މެދުގައި ބޮޑު އަރައިރުމަކަށް ބަދަލުވެ، ބައްދަލުވުން ވެސް ކުރުކޮށްލީއެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގެ ބައްދަލުވުން ހޫނުވީ، ރަޝިޔާގެ ރައީސް ވްލެޑެމިޔަރ ޕޫޓިންއާ އެކު މަޝްވަރާ އިސްކޮށް، ސުލްޙަވެރި ޙައްލެއް ގެންނަން ޒެލެންސްކީއަށް ބާރު އަޅަން ފެށުމުންނެވެ.
އެއާ އެކު ދެ ރައީސުންގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ވެސް ބަދަލުކުރެވުނެވެ.