ENGLISH

19 އޭޕްރީލު 2025

Advertisement

ހޫތީންނަށް އަމާޒުކޮށް ޔަމަނުގެ ތެޔޮ ބަރުކުރާ ބަނދަރަކަށް އެމެރިކާގެ ވަރުގަދަ ޙަމަލާތަކެއް

18 އޭޕްރީލު 2025

|

ހަސަން އާމިރު

ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހޫތީ ޖަމާޢަތަށް އަމާޒުކޮށް، ޔަމަނުގެ ތެޔޮ ބަރުކުރާ ބަނދަރަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ޔަމަނުގެ ރަސް އިއްސާ ބަނދަރަށް ޙަމަލާ ދީފައިވަނީ، ހޫތީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރަމުންދިޔަ މަގެއް ބަންދުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ހޫތީންގެ ސިއްޙީ ވުޒާރާއިން ބުނީ އެ ޙަމަލާގައި މިހާތަނަށް 20 މީހަކު މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ފަސް ސިއްޙީ ޚިދުމަތްތެރިން ވެސް ހިމެނޭ ކަމަށެވެ.

އެ ޙަމަލާގައި އިތުރު 50 މީހަކު ޒަޚަމްވެފައިވާއިރު، އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އީރާނުން ވާގިވެރިވާ ހޫތީންނާ ދެކޮޅަށް އެމެރިކާއިން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ.

މި އޮޕަރޭޝަން ފެށީ، ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ އެމެރިކާ އަދި ރަހުމަތްތެރި ޤައުމުތަކުގެ އުޅަނދުތަކަށް ހޫތީން ޙަމަލާ ދެމުންދާތީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އޭގެ ރައްދުގައި، ހޫތީން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ އަސްކަރީ އުޅަނދުތަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ.

ނަމަވެސް، އެ ޙަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުލިބޭކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އިޒްރޭލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމަލާތައް ދޭން ފެށުމާއެކު، އެ ޢުދުވާނުގެ ރައްދުގައި ހޫތީން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މިގޮތުން މިހާތަނަށް 190 އަށް ވުރެ ގިނަ އުޅަނދަށް ޙަމަލާދީފައިވާއިރު، އިޒްރޭލަށް އަމާޒުކޮށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ވެސް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު