ENGLISH

19 އޭޕްރީލު 2025

Advertisement

މެގުއާގެ ލަނޑުން ޔުނައިޓެޑް ސެމީ އަށް

18 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޔުނައިޓެޑަށް ލަނޑުޖަހައިދިނުމަށްފަހު މެގުއާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ހެރީ މެގުއާ ވައްދާލި ލަނޑާއެކު، މެންޗެސްޓަރ ޔުނައިޓެޑުން 5-4 އިން އޮލިމްޕިކް ލިޔޯން ބަލިކޮށް، އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މޮޅާއެކު، ޔުނައިޓެޑުން ސެމީ އަށް ދަތުރުކުރީ 7-6 ގެ އެގްރިގޭޓުންނެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެ، ދެ މެޗުގެ އެގްރިގޭޓް 4-4 އިން އެއްވަރުވުމާއެކު ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު އެވެ. އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހައިފައެވެ. ލިޔޯން އަށް ކާމިޔާބުކުރެވުނީ ދެ ގޯލެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ލިޔޯންގެ މިޑްފީލްޑަރު، ކޮރެންޓިން ޓޮލީސޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފު އެއްކޮށް ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިނީ މެނުއަލް އުގާޓާ، ޑިއޯގޯ ޑަލޮޓް، ބްރޫނޯ ފެނާންޑޭސް، ކޮބީ މެއިނޫ އާއި މެގުއާ އެވެ.

ލިޔޯންގެ ލަނޑުތައް ޖެހީ ކޮރެންޓިން ޓޮލިސޯ، ނިކޮލަސް ޓަގްލިއަފީކޯ، ރަޔާން ޝެރްކީ އާއި އަލެކްސެންޑާ ލަކަޒޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯ ވަނީ 2-0 ގެ އެގްރިގޭޓުން ރޭންޖާސް ބަލިކޮށް ސެމީން ޖާގަ ހޯދައިފައެވެ.

ޖަރުމަނުގެ އެއިންޓްރަކްޓް ފްރެންކްފާޓް 1-2 ގެ އެގްރިގޭޓުން ކުރި ހޯދައި، ޓޮޓްނަމް ހޮޓްސްޕަރ އަނެއް ބުރަށް ދަތުރުކުރިއިރު، ނޯވޭގެ ބޯޑޯ/ ގްލިމްޓް ވަނީ ޕެނަލްޓީ ޖަހައިގެން 3-2 އިން ލާޒިއޯގެ މައްޗަށް ކުރިހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު