ENGLISH
19 އޭޕްރީލު 2025
ވިޔަފާރިއަށް ގެއްލުންވާކަމަށް ބުނެ ޓްރަމްޕް، ޑިޔުޓީ ބޮޑުކުރި ނިންމުމާ ދެކޮޅަށް ކެލިފޯނިޔާ ކޯޓަށް
17 އޭޕްރީލު 2025
|
އެމެރިކާއަށް ބޭރު ޤައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފެޑެރަލް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން އިޤްތިޞާދާއި ވިޔަފާރީގެ ގޮތުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް ބުނެ، އެ ނިންމުން ހުއްޓުވަން ކެލިފޯނިޔާ ސްޓޭޓްގެ ސަރުކާރުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމާއި މެނުފެކްޗަރިން ކުރާ އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓަކީ ދުނިޔޭގައި ފަސް އަށް އެންމެ ބޮޑު އިޤްތިޞާދެވެ.
ކޯޓަށް މައްސަލަ ހުށަހެޅިކަން އިޢުލާނުކުރައްވަމުން، ކެލިފޯނިޔާގެ ގަވަރުނަރު ގެވިން ނިޔުސަމް ވިދާޅުވީ، ސެނެޓުން ފާސްނުކޮށް، އެމެރިކާގެ ހުރިހާ ސްޓޭޓްތަކަށް ވެސް އަސަރުކުރާ ގޮތަށް ޑިޔުޓީ ބޮޑުކުރުމުގެ ބާރެއް ފެޑެރަލް ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް ވެސް 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން އޮތީ ނިންމައިފައެވެ.
ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
އަދި އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ.
ދުނިޔޭގެ ބާޒާރަށް އެރި ލޮޅުންތަކާ އެކު، ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވައިފައެވެ.
ނަމަވެސް، އެ ލުއި، އެމެރިކާ އާ އެންމެ ވާދަވެރި ޗައިނާއަށް ދީފައެއް ނުވެއެވެ.