ENGLISH
10 މޭ 2025
މުޅިން އަލަށް ބާއްވާ "އޮފީސް ލީގު 2025" ފަށައިފި
17 އޭޕްރީލު 2025
|
އޮފީސް ލީގުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު
ރާއްޖޭގައި މުޅިން އަލަށް ބާއްވާ "އޮފީސް ލީގު 2025" ގެ ކުޅުން ރޭ ފަށައިފިއެވެ.
އޮފީސް ލީގު އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. ބިގް ގޭމް މޯލްޑިވްސް އަކީ ކާމިޔާބުކަމާއެކު ރާއްޖޭގައި ރިސޯޓް ފުޓްސަލް ލީގު ބާއްވަމުން އަންނަ ފަރާތެކެވެ. އޮފީސް ލީގުގެ ކުޅުން ފެށިއިރު މުބާރާތުގައި މިއަހަރު 29 ޓީމު ވަނީ ބައިވެރިވެފައެވެ.
މުބާރާތުގައި ރޭ ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ޝީޝާއިން ވަނީ ރޯޒްވެއާ 4-8 އިން ބަލިކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ޝީޝާ ޓީމުގެ ޔާމިން އަލީއެވެ.
ރޭގެ ދެވަނަ މެޗުގައި ގްރޫޕް ބީގެ ދަރުމަވަންތަ ވަނީ 4-1 އިން ސްމާޓްޓައުން އެފްސީ ބަލިކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަރުމަވަންތަ ޓީމުގެ އަހުމަދު މުނާޒެވެ.
ރޭ ފަހުން ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ގްރޫޕް ޑީގައި ހިމެނޭ ޕޮލިސް ކްލަބާއި އެޗްއެޗް އާރުސީ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު، ގްރޫޕް ސީގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި، ކްލަބް އާސަންދަ ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ.
އޮފީސް ލީގު މެޗެއްގެ ތެރެއިން. އަލަށް ބާއްވާ އޮފީސް ލީގުގައި 29 ޓީމު ވާދަކުރޭ. ފޮޓޯ: އޮފީސް ލީގު
އެޗްއެޗް އާރުސީއާ އެއްވަރުކުރި މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސްގެ އަކްމަލް މުހައްމަދެވެ. ކަސްޓަމްސް އާއި އާސަންދަ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ އާސަންދައިގެ އަލީ ހަމްދާނެވެ.
މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މިރޭ 8:30 ގައި ކުޅޭ އެއް މެޗުގައި ވާދަކުރާނީ ގްރޫޕް އީގެ އެންޓްރަކާއި މިފްކޯއެވެ. އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ގްރޫޕް އެފްގެ ހައްޖު ކްލަބް ނުކުންނާނީ ސިލްވަރ ސޭންޑްސްއާ ދެކޮޅަށެވެ.
ގްރޫޕް ޖީގައި މިރޭ ކުޅެނީ ކްލަބް ވެލިގާ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ. އަދި ގްރޫޕް އެޗްގައި އެމްއައިބީ ނުކުންނާނީ އެމްސީއެލްފީއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ފަށާނީ ރޭގަނޑު 10 ޖަހާއިރުއެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 28 ވަނަ ދުވަހެވެ. ކުއާޓާ ފައިނަލް މެޗުތައް މެއި 2 ވަނަ ދުވަހު ކުޅޭއިރު ސެމީ ފައިނަލް މެޗުތައް ކުޅޭނީ މެއި 9 ވަނަ ދުވަހެވެ. ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ އޮފީސް ލީގުގެ ފައިނަލް މެޗު ކުޅޭނީ އޭޕްރީލް 9 ވަނަ ދުވަހެވެ.
އޮފީސް ލީގުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފައެވެ.