ENGLISH

10 މޭ 2025

Advertisement

ވީއޭއެމް ކަޕް ފައިނަލުގައި މިއަހަރުވެސް ވެމްކޯއާއި ޕޮލިހުގެ ކުރިމަތިލުމެއް

17 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ވެމްކޯއާ ހުރާ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް ވެމްކޯއާއި ޕޮލިސް ކްލަބް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ އެންމެ ފަހުން ކުޅުނު ހަތަރު ފައިނަލުގައިވެސް ބައްދަލުކޮށްފައިވަނީ މި ދެ ޓީމެވެ. އެ ހަތަރު ފަހަރުވެސް ކާމިޔާބުކުރީ ވެމްކޯ އިންނެވެ.

މި ދެ ޓީމުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރި މެޗުން ޕޮލިސް ކްލަބް މޮޅުވީ 3-2 ސެޓުންނެވެ. މިއާއެކު، އެ ޓީމުން ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކުރިއެވެ. ވެމްކޯ އިން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ ތިންވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ 3-2 ސެޓުން ހުރާ ޓީމު ބަލިކޮށްފައެވެ.

ވެމްކޯއާ ހުރާ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން، ވެމްކޯއާ ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ތިން ސެޓުގެ ތެރެއިން ދެ ސެޓު ކާމިޔާބުކުރީ ހުރާ ޓީމުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހުރާ ޓީމުން 25-18 އިން ގެންގޮސްފައިވަނިކޮށް، ވެމްކޯ އިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ.

އެއަށްފަހު، ވާދަވެރިކޮށް ފެނުނު ތިންވަނަ ސެޓުން ހުރާ ޓީމު 26-24 އިން ކުރިހޯދާފައިވަނިކޮށް، ވެމްކޯ އިން ވަނީ ދެން ޖެހިގެންއައި ދެ ސެޓުން 26-24 އަދި 15-10 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.

ވީއޭއެމް ކަޕްގެ ތިންވަނަ މަގާމު ހޯދި ހުރާ ޓީމު. --ފޮޓޯ: ވީއޭއެމް

ރޭގެ މެޗަށްފަހު މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނު ހުރާ ޓީމަށް މެޑެއްޔާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.

ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުގައި ޕޮލިހާއި ވެމްކޯ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ މިރޭ 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު