ENGLISH

09 މޭ 2025

Advertisement

ސެކިޔުރިޓީގެ ނަމުގައި ޣައްޒާގެ 30 ޕަސެންޓު ވަނީ އިޒްރޭލުން ހިސާރުކޮށްފައި

17 އޭޕްރީލު 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގެ 30 ޕަސެންޓު ހިފާފައިވާ ކަމަށާއި، އެ ސަރަޙައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިޒްރޭލު ސިފައިން ޤާއިމުވެ ތިބޭނެކަމަށް ޔަހޫދީންގެ ދައުލަތުން ބުނެފިއެވެ.

ޣައްޒާގައި ހިސާރުކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ އިތުރުން، ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ބާކީތިބި އަސީރުން ހޯދައި މިނިވަންކުރަން، ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް އިތުރަށް ވަރުގަދަކުރަން، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަސްކަރިއްޔާއަށް އަންގައިފައެވެ.

ޖަނަވަރީ މަހުގެ ތެރޭގައި ޤާއިމުކުރި، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޙަމާސް އިން ވަނީ ޔަހޫދީންނަށް ނިޞްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 59 އަސީރުން ތިބި ކަމަށް ޔަހޫދީން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

ޣައްޒާއަށް އިޒްރޭލުގެ ޢުދުވާނުތައް އަލުން ފެށި ފަހުން، ބައި މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެކަމަށް ހަ ހަފުތާ ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު