ENGLISH

26 އޭޕްރީލު 2025

Advertisement

ސަރުކާރުން މުލަކުގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފި

16 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މުލަކުގައި ސަރުކާރުން ތަރައްގީކުރި ފުޓްބޯޅަ ދަނޑު. ފޮޓޯ: ކުޅިވަރު ވުޒާރާ

ރާއްޖޭގެ ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މ. މުލަކުގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. 

ފުޓްބޯޅައިގެ ކާމިޔާބު ތާރީހެއް އޮތް، އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދި މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. ވަޒީރާ އެކު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނައުފަލް ބައިވެރިވެވަޑައިގެންނެވިއެވެ. 

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު މުލަކު ރަސްމީދަނޑު ހުޅުއްވައިދެއްވުމަށް ފަހު ކުޅުންތެރިންނާ ސަލާން ކުރައްވަނީ. ފޮޓޯ: ކުޅިވަރު ވުޒާރާ

ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ މުލަކަށް ޒިޔާރަތްކޮށް، އެރަށުގެ ޓީމަކާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައެވެ. 

ކުޅިވަރު ވުޒާރާއިން ބުނީ މިދިޔަ ސަރުކާރުން މުލަކު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ނިންމި ނަމަވެސް، ސަބް ބޭސް އަޅާފައި ހުރިގޮތުން ވާރޭވެހޭއިރު ދަނޑުގައި ފެންބޮޑުވެ ގެއްލުންތައްވި ކަމަށެވެ. މިދިޔަ އަހަރު ވަޒީރު ޢަބްދުﷲ ރާފިއު މުލަކަށް ކުރެއްވި ދަތުރުފުޅުގައި ރަށު ކައުންސިލާއި ޒުވާނުން އެކަމުގެ ކަންބޮޑުވުންތައް ވަޒީރާ ހިއްސާކުރިއެވެ. ސަރުކާރުން މުލަކު ދަނޑު ތަރައްގީކޮށް ނިންމާލީ ކައުންސިލާއި ޒުވާނުންގެ އެދުނު ގޮތަށް ކަންކަން ބަދަލުކުރުމަށްފަހުއެވެ. އެގޮތުން ކުރިން އެޅި ސަބް ބޭސް ރަނގަޅުކޮށް، ކާނުތައް އަލުން ހަދައި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މި ސަރުކާރުން ފުރިހަމަކުރިއެވެ. 

މުލަކު ފުޓްބޯޅަ ދަނޑު ހުޅުވުމަށް ފަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅުނު މާޒިޔާ ފުޓްބޯޅަ ޓީމް. ފޮޓޯ: ކުޅިވަރު ވުޒާރާ

ކުޅިވަރު ވުޒާރާއިން ބުނީ މުލަކުގައި ގާއިމުކުރި ފުޓްބޯޅަ ދަނޑަކީ އެރަށުގެ ކުޅިވަރު ކުރިއެރުވުމަށް ތަރައްގީކުރެވުނު މުހިއްމު ވަސީލަތެއް ކަމަށެވެ. 

މުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރު އަބްދުﷲ ރާފިއު ވަނީ އެރަށު ކައުންސިލުން ތަރައްގީކުރި ލައިސެންސް ޓްރެކް އަދި ފެރީ ޓާމިނަލް ހުޅުއްވާދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު