ENGLISH
19 އޭޕްރީލު 2025
ޙަމަލާތައް ހުއްޓާލުމުގެ އާ ހުށަހެޅުން ޙަމާސްއިން ދިރާސާކުރަނީ، އެކަމަކު ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނެ
16 އޭޕްރީލު 2025
|
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މިހާރު ދެމުންދާ ލާއިންސާނީ ޢުދުވާނުތައް ހުއްޓައިލުމަށް ހުށަހަޅާފައިވާ އާ ހުށަހެޅުން ދިރާސާކުރަމުންދިޔަ ނަމަވެސް، އެ ހުށަހެޅުމުގައި ހިމަނާފައިވާ ހަތިޔާރު ބެހެއްޓުމަށް އެއްބަސްނުވާނެ ކަމަށް ޙަމާސް ޖަމާޢަތުން ބުނެފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
އެ ލާއިންސާނީ ޢުދުވާނުތަކާ ގުޅިގެން ބައިނަލްއަޤުވާމީ ޕްރެޝަރު ބޮޑުވުމުން، އިޒްރޭލުން ވަނީ ޙަމަލާތައް ހުއްޓައިލުމުގެ އާ ހުށަހެޅުމެއް ޙަމާސަށް ހުށަހަޅައިފައެވެ.
މިގޮތުން، ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި ރަހީނުން މިނިވަން ކުރުމުގެ ބަދަލުގައި ހަ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އިޒްރޭލުން ވަނީ ހުށަހަޅައިފައެވެ. އަދި އެ މުއްދަތުގައި ޙަމާސްއިން ހަތިޔާރު ބެހެއްޓުމަކީ ވެސް އިޒްރޭލުގެ ޝަރުތެކެވެ.
ނަމަވެސް، ޙަމާސްގެ އިސް ސަފުގެ މަސްދަރުތަކާ ޙަވާލާދީ ބައެއް މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ އާ ހުށަހެޅުން އެ ޖަމާޢަތުން ދިރާސާކުރަމުންދިޔަ ނަމަވެސް، ހަތިޔާރު ބެހެއްޓުމުގެ ޝަރުތައް އެ ޖަމާޢަތުން އެއްބަހެއް ނުވާނެއެވެ.
މީގެއިތުރުން، މި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމާއި ޣައްޒާގެ ސަރަޙައްދުތަކުގެ ތިބި އިޒްރޭލުގެ ފައުޖުތައް ފޭބުމާ ގުޅޭ ސީދާ މާއްދާއެއް އެ ހުށަހެޅުމުގައި ނެތުމަކީ ވެސް ޙަމާސްގެ ކަންބޮޑުވުމެކެވެ.
މާޗް މަހުގެ 18 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ލާއިންސާނީ ޢުދުވާނުތަކުގައި ޝަހީދުކޮށްލި މީހުން އަދަދު 1،560 އަށް ވަނީ އަރައިފައެވެ.
އޭގެތެރޭގައި އެތައް ސަތޭކަ މައުސޫމް ކުޑަކުދިިން ވެސް ހިމެނެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 50،933 މީހުން ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެ 116,045 މީހުންނަށް ޒަޚަމް ވެފައިވާ ކަމަށެވެ.