ENGLISH
26 އޭޕްރީލު 2025
އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމަށް ޓްރާންސްޕޯޓުން ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް
16 އޭޕްރީލު 2025
|
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ނައިބު ޢަލީ ނިޝާން އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ--ފޮޓޯ/އެމްއެމްޓީވީ
އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކޭގޮތަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ފާހަގަކޮށްފިއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ޢަލީ ނިޝާން ވިދާޅުވީ "އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީ އާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދު"ގެ ދަށުން 170 ވަރަކަށް މީހުން، ބަހާލައިގެން ފައިސާދެއްކުމަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ގަވާއިދު ގެޒެޓުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުއެވެ.
ނިޝާން ވިދާޅުވި ގޮތުގައި މިފަދަ ގަވާއިދެއް ހެދުމުގެ ބޭނުމަކީ އެއްގަމާއި ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާާތްތަކުގެ ތެރެއިން އަހަރީފީ އާއި ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްފަހަރާ އެއްލައްކަ ރުފިޔާ އަށްވުރެ ބޮޑެތި އަދަދުތައް ދައްކަންޖެހޭ ފަރާތްތައް ވެސް އެބަތިބިކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވެއެވެ.
"ކިހިނެތްެތޯ އެފައިސާ އެއްފަހަރާ ދައްކާނީ؟ އެ ވަރަށް އުނދަގޫ ކަމަކަށްވާނީ، އެގޮތުން އަޅުގަނޑުމެން ކަނޑައެޅީ ބަހާލައިގެން ދެއްކޭނެ ގޮތެއް، ފަސްހާސް ރުފިޔާއިން މަތި، އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީއާއި ޖޫރިމަނާ،" ނިޝާން ވިދާޅުވި އެވެ. "އެގޮތަށް ފުރުސަތު ހުޅުވާލި ފަހުން ރައްޔިތުންގެ ވަރަށް ބޮޑު ތާއީދު އެބައޮތް މިކަމަށް، އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 170 ވަރަކަށް ބޭފުޅުންގެ ފަރާތުން ހުށަހެޅުންތައް އައިސްގެން ވަރަށް ގިނަ އެއްބަސްވުންތަކެއް ސޮއިކުރެވިގެން މިހާރު ކުރިއަށް އެބަދޭ، ވަރަށް ގިނަ ބައެއްގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓްސް މިކަމާ ގުޅިގެން އެބަލިބޭ."
ނިޝާން ވިދާޅުވި ގޮތުގައި ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި ވަކި މިންވަރެއް ދެއްކުމަށްފަހު، ދަންކަންޖެހޭ ފައިސާގެ ބޮޑުބައި 10 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަހާލައިގެން މިހާރު ދެއްކޭނެ އެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހި، ދެއްކޭނެ ގޮތެއް ނެތުމަކީ، ގަވާއިދާ އެއްގޮތަށް އަމަލުނުކުރެވުމުގެ ސަބަބުން ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާ އިތުރުވާން ދިމާވެފައިވާ ސަބަބެއް ކަމަށެވެ. އެހެންކަމުން މި ފުރުސަތާއެކު، ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންހުރި ފަރާތްތަކަށް ވަރަށްބޮޑު ފަސޭހައަކަށް ވެގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.