ENGLISH
28 ޖޫން 2026
"ފްރެންޗްބީ" އިން މި އަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ
28 ޖޫން 2026
|
"ފްރެންޗް ބީ" އެއާލައިނުން މިއަހަރު ރާއްޖެއަށް ދަތުރުތައް ފަށާނެ.
އެންމެ މަޤްބޫލު
ފަރަންސޭސިވިލާތުގެ "ފްރެންޗް ބީ" އެއާލައިނުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
މި ދަތުރުތަކުގެ ޓިކެޓް މިއަދުން ފެށިގެން ބުކް ކުރެވޭނެ ކަމަށް "ފްރެންޗް ބީ" އެއާލައިނުން ބުންޏެވެ. "ފްރެންޗް ބީ"ގެ ސީ.އީ.އޯ މާކް-އެންޓޮއިން ބްލޮންޑޯ ވިދާޅުވި ގޮތުގައި، ރާއްޖެއާއި ލަންކާއަކީ ފަރަންސޭސިވިލާތުން ސީދާ ދަތުރުތައް ނުކުރާ އެހެން ނަމަވެސް ޑިމާންޑް ބޮޑު ދެ މަންޒިލެވެ. ރާއްޖޭގެ ރިސޯޓު ފަތުރުވެރިކަމާއި، ސްރީލަންކާގެ ސަގާފީ އަދި ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުންނަށް މިއީ ލިބޭނެ ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ދަތުރުތައް ކުރިއަށްދާނީ ތިން މަންޒިލް ގުޅުވާލައިގެންނެވެ. އެއީ ޕެރިހުން މާލެއަށް، މާލެއިން ކޮލަމްބޯއަށް އަދި ކޮލަމްބޯއިން އެނބުރި ޕެރިހަށެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް އެއް ދަތުރެއްގައި ދެ ގައުމަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
މި ދަތުރުތަކުގެ ފުރަތަމަ ދުވަސްވަރު އަގުތައް އުޅޭ ގޮތަށް ބަލާއިރު، ރާއްޖޭގެ ދަތުރުތައް އުޅެނީ އިކޮނޮމީ ސީޓުގައި ނަމަ 649 ޔޫރޯއަށެވެ. އަދި ޕްރީމިއަމް ނަމަ 1،399 ޔޫރޯއަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފަރަންސޭސިވިލާތުން ރާއްޖެއަށް 29,511 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ފަރަންސޭސިވިލާތަކީ ރާއްޖެއަށް ހަތް ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.